ޝަރުއީ ދާއިރާ

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޣަނީ ވަކިކުރުމަށް އެދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ނިންމެވިކަން އިއުލާން ކުރެއްވިއެވެ.

މަޖިލިސް ރައީސް އިއްޔެ ވިދާޅުވީ މަޖިލީހުގެ މި ދައުރުގައިވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައިވާއިރު، އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ޣަނީ ވަކި ކުރުމުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލު ކުރެވުނީ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ފަނޑިޔާރުން އެކަނި ބަދަލުކޮށްގެން ޝަރުއީ ނިޒާމު އިސްލާހުވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަށްޓަކައި އިންތިޒާމާއި ނިޒާމްތައް ހަރުދަނާކޮށް، މީހުން ތަމްރީނު ކުރަންޖެހޭ ކަމަށާއި، ވަރަށް ގާތުން ފަނޑިޔާރުންގެ މަސައްކަތް ބެލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ޣަނީ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާއިރު އޭނާ ވަނީ 60 ދުވަަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅޭ ސުލޫކީ މައްސަލަތަކެކެވެ. ޖޭއެސްސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އޭގެ އިތުރުން އޭސީސީންވެސް އޭނާގެ މައްސަލައެއް އަންނަނީ ބަލަމުންނެވެ. އޭސީސީން ބަލަމުން އަންނަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގަވާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައި ވެއެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވާފައިވާ އިރު ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ކުރިން އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.