ކޯލިޝަން ސަރުކާރެއް ދެމެހެއްޓޭނެ ހަމައެކަނި ބޭފުޅަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެެއެވެ.
މުބީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކޯލިޝަން ސަރުކާރު ރޫޅާލައި، ގައުމު އެހެން ހާލަތަކަށް ގެންދަން އިބޫ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި އިބޫގެ ސަރުކާރުގައި ރައްޔިތުންނަށް ތަރައްގިއާއި ކުރިއެރުން ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ މިހާރު އޮތް ހާލަތުން އަރައިގަނެ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ ކޯލިޝަންގެ ހަތަރު ލީޑަރުންނަށް ކަމަށާއި، ހަތަރު ލީޑަރުންގެ ތެރެއިން ވެސް ގާސިމަކީ ޑިމޮކްރަސީ ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށާއި، ސަރުކާރަށް އެއްބާރުލުން ދިނުމަށް މުބީން ގޮވާލެއްވިއެވެ.
މީގެއިތުރުން މުބީން ވިދާޅުވީ އަނބުރާ ޖުމްހޫރީ ޕާޓީއަށް ވަޑައިގަތުމުން އަމިއްލަ ގެއަށް ވަޑައިގެންނެވުނު ކަމުގެ އިހުސާސް މިހާރު ކުރެވޭ ކަމަށެވެ. މުބީން މިހެން ވިދާޅުވި އިރު އޭނާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ.