ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާނެ ކަމަކަށް ޖާގައެއް ނުދެއްވާ ކަމަށާއި އެމަނިކުފާނު އަދާވާތްތެރިން ބަލިކަށިކުރެއްވި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ރައީސް ޔާމީން ގައުމުގެ ޒައާމަތުގައި ނެތްކަން މިއަދު އިހުސާސުވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު މަސައްކަތް ކުރެއްވީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުންނަށްވެސް ނަސޭހަތް ދީގެން، އެމީހުން ރަނގަޅުކޮށް މުޖުތަމައުއަށް ގެނައުމަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކައުންޓަ ޓެރަރިޒަމް ސެންޓަރު އުފައްދަވައި، ގާނޫނު އެކުލަވާލަން ވެސް ގިނަގުނަ މަސައްކަތްތައް ކޮށްފައިވާ ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިސްލާމީ ތައުލީމުގެ އިތުރުން އަރަބި ބަސް ދިރުއްވުމުގެ ގޮތުން ސްކޫލުތަކުގައި އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް މަޖުބޫރު ކުރައްވައި، ގުރުއާނަކީ ކިޔަވަން މަޖުބޫރު މާއްދާއެއް ގޮތުގައި ކަނޑައަޅައި، ގައުމު ތަރައްގީކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ޔުނިވާސިޓީއެއް ރާއްޖޭގައި އުފައްދައި، އިސްލާމީ މަރުކަޒުތައް ގާއިމު ކުރެއްވުމުގެ އިތުރުން ރާއްޖޭގައި ހާފިޒުން ގިނަ ކުރުން ފަދަ އެކި މަސައްކަތް ރައީސް ޔާމީން ކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ބަޔަކު މަސައްކަތް ކޮށްފައިވަނީ އެމީހުންގެ ފަހަތުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކެއް ތިބެގެން ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ވަކި ސިއްރު އެޖެންޑާއެއްގެ ދަށުންކަން މިއަދު ހާމަވަމުން އަންނަ ކަމަށާއި ރައީސް ޔާމީނަށް ރައްކާތެރިކަމަށް އެދޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ގައުމަށް ކުރެއްވި ހިދުމަތަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާރު ދިނުމަށް އެމަނިކުފާނުގެ އަތްޕުޅުގައި ހިފި ހިފުމަކީ ހައްގު ހިފުމެއްކަމުގައި މިއަދު ޔަގީންކުރެވޭ ކަމަށެވެ.