އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝަހީރު އިސްތިއުފާ ދެއްވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝަހީރު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޕީސީބީން ގަބޫލުކޮށްފައިވާ ކަމަށާއި އޭނާގެ ބަދަލުގައި އެ ކުންފުނީގެ އެންމެ އިސްވެރިއެއްގެ ޒިންމާ އަދާކުރައްވާނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު މިހާދު ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީރު އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އާދަމް އާޒިމް ދުރުކުރުމަށްފަހު 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާ އިރު، އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ.