ހައުސިން މިނިސްޓްރީ

ވިލިމާލޭ 2 ގުޅާލުމުގެ ދިރާސާ ވަނީ ނިމިފައި: މިނިސްޓަރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ "ވިލިމާލެ 2" މަޝްރޫއުގެ ޑިޒައިން އާ އޭގެ ދިރާސާގެ މަސައްކަތް ވަނީ ކޮށްމިނިފައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މިނިވަން ދުވަހު ރައީސް ޔާމީން އިއުލާން ކުރެއްވި "ވިލިމާލެ 2" ޕްރޮޖެކްޓަކީ ގުޅީފަޅާއި ފުށިދިއްގަރު ފަޅުން 1000 ހެކްޓަރުގެ ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅުވާލާ ޕްރޮޖެކްޓެކެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ސަރަހައްދުތައް ބްރިޖުން ގުޅުވާލާ ތަރައްގީ ކުރުމަށް ތައްޔާރުވެފައިވާއިރު އެކަމުގެ ސާވޭ ކޮށްފައިވަނީ އޭޑީބީ އެހީގެ ދަށުން ކަމަށެވެ.

އެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް ޖުމްލަ އަރާނެ ކަމަށްވި ނަމަވެސް ސީދާ އަދަދު ބުނެދޭން ނޭނގޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އާ ސަރުކާރުން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް މުއިއްޒު ވަނީ އެދިލައްވާފައެވެ.

މީގެ ކުރީންވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއިޒް ވަނީ ވިލިމާލެ 2 ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.