މިނިސްޓަރު އިމްރާން އަބްދުﷲ

އައްޑޫގައި ހަދާ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްތޯ ބެލުމަށް އިމްރާންއާ ސުވާލުކުރަނީ

އައްޑޫ ސިޓީގައި ހަދަމުން އަންނަ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ އެންމެ އަގުބޮޑު ބިމުގެ އެއް ކިލޯމީޓަރަށްވުރެ ދިގު ބިމުގައި ހަދަމުން އަންނަ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްތޯ ބެލުމަށް މިނިސްޓަރު އިމްރާންއާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.

އިމްރާންއާ ނިހާދު ސުވާލުކުރައްވަނީ އެ އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތްކުރާ ތަނެއްކަމުގެ ހަބަރު ފެތެރެމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

އެ ބިމަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ބިމެއްތޯ އާއި އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތްކުރަނީ ކޮން ފަރާތްކުންތޯ ބެލުމަށް އިމްރާންއާ ސުވާލުކުރެއްވުމަށް ނިހާދު ހުށަހަޅުއްވާފައިވެއެވެ. އޭގެ އިތުރުން އެ އިމާރާތާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލު ހޯދުމަށް ވެސް ސުވާލުކުރެއްވުމަށް ނިހާދުގެ ހުށަހެޅުއްވުމުގައިވެއެވެ.

އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް، އޭރު އެމްއެންޑީއެފުން ވަނީ އެކަން ދޮގުކޮށްފައެވެ.