ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ކަރުދާހާއި ވޯޓު ފޮށީގެ އަދަދު ދެގުނަ އިތުރުވި ނަމަވެސް، ޗެލެންޖިން ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް އަދި ފާސްކޮށްފައި ނުވި ނަމަވެސް، އެކަމަށް ކޮމިޝަނުން ތައްޔާރުވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއެކު މިފަހަރު އަންހެނުންގެ ކޮމިޓީގެ އިންތިހާބު ވެސް ކުރިއަށްދާނެއެވެ. މަޖިލީހަށް ހުށަހެޅިފައިވާ ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކަށް މޭޔަރުން ހޮވާނީ ވެސް އެ ސިޓީއެއްގެ ރައްޔިތުންގެ ވޯޓުންނެވެ. އެގޮތަށް ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްގެ ރައީސް ވެސް ހޮވުމަށް ހަމަޖެހިފައިވަނީ ވޯޓުންނެވެ. އެ އިސްލާހުގައިވާ ގޮތުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު ވެސް އިތުރުވެގެންދާ އިރު، އަންހެނުންނަށް ކައުންސިލްތަކުން 33 ޕަސަންޓް ހާއްސަކުރުމަށް ބާރުއަޅައެވެ.
"އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާއެކު 3500 އެއްހާ ވޯޓު ކަރުދާސް ކޮޅު ކޮންމެ ފޮއްޓަކަށް ދާނެ. ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން ރާވާނަން. މި އިންތިހާބުގައި އޮފިޝަލުންގެ އަދަދު ދެގުނަ އިތުރުވާނެ. އޮފިޝަލުންގެ އަދަދު 10،000 އާއި 13،000އާ ދެމެދުގައި އުޅޭނެ. ފޮށީގެ އަދަދު ވެސް ދެ ގުނަ އިތުރުވާނެ. ފޮށިތަކުގެ އަދަދު 700 އާއި 1000 އާ ދެމެދުގައި އުޅޭނެ. ނަމަވެސް އަޅުގަނޑުމެންނަށް ޗެލެންޖިން ވާނެ ކަމަކަށް ނުދެކެން،" އަކްރަމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ކައުންސިލް އިންތިހާބާ ގުޅޭގޮތުން އީސީގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ ކޮންމެ އިންތިހާބަކީ ވެސް އެ ކޮމިޝަނަށް ތަޖުރިބާއެއް ކަމަށާއި އިތުރު ހުނަރުތަކެއް ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ކޮމިޝަންގައި އޮތް މަސައްކަތްތެރި ޓީމާއެކު ކުރިއަށްއޮތް އިންތިހާބަކީ ޗެލެންޖިން އިންތިހާބަކަށް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަސައްކަތް ބުރަވާނެ. ވޯޓު ކަރުދާސް ގިނަވާނެ. އަންހެނުންގެ ކޮމިޓީގެ އިންތިހާބު ވެސް ކުރިއަށްދާނެ. ކަރުދާސް އަދި ފޮށީގެ އަދަދު ވެސް ގިނަވެގެން ދާނެ. އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިތުރު ތަޖުރިބާތަކެއް ކުރަމުން. އިތުރު ހުނަރުތަކެއް ލިބެމުން. ގޮންޖެހުންތަކެއް ނުހުންނާނެ. ކޮމިޝަންގައި ވަރަށް ކޮމިޓަޑް ޓީމެއް އެބައޮތް. ވަރަށް ފުރިހަމައަށް އިންތިހާބު ކުރިއަށްގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް އަކްރަމް ވިދާޅުވީ ގާނޫނު އިސްލާހުވެއްޖެ ނަމަ، ތިން ކުލައެއްގެ ވޯޓު ކަރުދާސްކޮޅު ހިމެނޭނެ ކަމަށާއި ވޯޓު ކަރުދާސްތައް ގިނަވި ނަމަވެސް ނަތީޖާ އިއުލާންކުރުމަށް މާ ބޮޑު ލަސްތަކެއް ނާންނާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ.