ޖުމްހޫރީ ޕާޓީ

ގާސިމަކީ އަލިފަނޑުނުވާ، އެއްފަރާތް ނުކުރެވޭނެ ލީޑަރެއް: އަހުމަދު ރަޝީދު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އަލިކަން ފަނޑުނުވާނެ، އެއްފަރާތް ނުކުރެވޭ ވަރުގެ ވަރުގަދަ ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ވަރަށް ގިނަ ގޮތްގޮތުން ވިސްނަވާފައި ކަމަށެވެ. އެގޮތުން ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވެން އޮތީ އެއިރެއްގައި އޮތް ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އިސްދޫ ދާއިރާއަށް ގެނެސްނުދޭ ދެ ޕްރޮޖެކްޓް އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ ޕްރޮޖެކްޓެއްކަން ހާމައެެއް ނުކުރައްވައެވެ.

އަދި އިދިކޮޅުގައި ހުންނަވައިގެން ދާއިރާއަށް ތަރައްގީ ގެނައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، ބޭނުންވަނީ ދާއިރާގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ. އަދި އެތަރައްގީ ގެނެވޭނީ އާ ސަރުކާރާ ގުޅިވަޑައިގެން ސަރުކާރަށް އެއްބާރުލުން ދިނުމުން ކަމަށް ވިދާޅުވިއެވެ.

އަހުމަދު ރަޝިދު ވިދާޅުވީ ސިޔާސީ މައިދާނުގައި އެންމެ ހަރުދަނާ ހިންގުންތެރި ލީޑަރަކީ ގާސިމް އިބްރާހީމް ކަމަށެވެ. އަހުމަދު ރަޝީދު މިއަދު ޖޭޕީއަށް ސޮއިކުރެއްވިއިރު، މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓްގައެވެ.