(23 ނޮވެމްބަރުގެ އަދަދާ ގުޅޭ)
حسّان قبــاد ގެ ގަނޑުވަރުގެ ބޮޑުދޮރޯށީގައި ޓަކިދެއްވިއިރު ރޭދެބައިވެއްޖެއެވެ. އޭރު ހަނދުވެސް އަރައިފިއެވެ. އަޑުގެކޮޅަށް ހޭރެމުންދިޔަ ކުއްތާތައް ބަންދުކޮށްފައިހުރި ދޮރުގައި ވަކިތައް ކާރުވަމުން ގެންދެއެވެ. ނޯކަރުން ހޭލައިގެން ތެދުވެ އެންމެފުރަތަމަވެސް ފެށީ އެކަކުއަނެކަކަށް ގޮވައި ހޭލައްވާށެވެ. އެވަގުތު ކާއޫސްގެ އަޑު އިވުނެވެ. "ކާކުހެއްޔެވެ؟"
حسّان ބެދެމުންދާ އަޑުފުޅަކުން ޖަވާބުދެއްވިއެވެ. "އަހަންނަކީ حسّان އެވެ. އަވަހަށް ދޮރާށި ހުޅުވާށެވެ! އަވަސްކުރާށެވެ!"
ކާއޫސް އަވަސްއަވަހަށް ދޮރާށި ހުޅުވައިލައިފައި ބޭރަށް ނުކުމެއްޖެއެވެ. "ސާހިބާ ހުންނެވީ ކަލާއާމެދު ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. އިއްޔެ ކަލާ ވަޑައިގެންނެވިތާ އިރުކޮޅެއްގެފަހުން ކަލާގެ ފަހަތްޕުޅުންގޮސް ހުއްޓުވޭތޯ މަސައްކަތްކުރުމަށްވެސް އަޅުގަނޑަށް އެންގެވިއެވެ. އަޅުގަނޑު ކަލާގެ އަވަށަށް ދިއުމުން އެނގުނީ ކަލާ ކޮންމެވެސް ތަނަކަށް ވަޑައިގެންފިކަމެވެ. ސާހިބާ ހީފުޅުކުރައްވައިގެން ހުންނެވީ ކަލާ ސީދާ މިގެއަށް ވަޑައިގަންނަވާނެ ކަމުގައެވެ. އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ. ކަލާ ވަޑައިގެންނެވީ ކޮންތަނަކަށްތޯއެވެ؟ މިއީ ކާކުތޯއެވެ؟"
حسّان ދޮރާށީން އެތެރެއަށް ވެދެވަޑައިގެންފައި ވިދާޅުވިއެވެ. "މިއީ އަހަރެންގެ ކޮއްކޮއެވެ. ކަލޭ އޭނާއަށް އެހީވެދޭށެވެ. އޭނާ ވަނީ ޒަޚަމްވެފައެވެ." ކާއޫސް ކުރިޔަށްޖެހި سُهيل ގެ ގައިކޮޅުގައި ހިފަހައްޓައިފިއެވެ. حسّان އަސްމަތީން ފައިބައިވަޑައިގެން سُهيل އޭނާގެ އަތްދަނޑިފުޅުމައްޗަށް ނަންގަވައިގަންނަވަމުން ވިދާޅުވިއެވެ. "އަވަހަށް ދޮރާށި ތަޅުލާށެވެ. ކުއްތާތައް މައިތިރި ކުރުވާށެވެ. ކަލޭގެ ސާހިބާއަށް އަހަރެމެން އޭނާގެ ޙިމާޔަތުގެ ދަށުގައިތިބި ވާހަކަ ދަންނަވާށެވެ."
ކާއޫސް ޖަވާބުދިނެވެ. "އޭނާއަށް ދެންނެވުމުގެ ބޭނުމެއްނެތެވެ. މިރޭ އޭނާ އަވަހާރަފުޅުލެއްޕެވުމުގެ ކުރީންވެސް ކަލާ ވަޑައިގެންނެވިތޯ ސުވާލުކުރެއްވިއެވެ."
حسّان އިތުރު އެއްޗެކޭ ވިދާޅުނުވެ ކާއޫސްގެ ފަހަތުން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. މެދުގޯތި ހުރަސްކުރެއްވުމަށްފަހު ގަނޑުވަރުގެ ބޭފުޅުން އުޅުއްވާ ބައިގެ ކުރިމަތީގައިހުރި އުސް ޗަބޫތަރާގެ ސިޑިން އަރައިވަޑައިގަންނަވަން ފެއްޓެވިތަނާ އޭނާއަށް ماه بانو ގެ އަޑުފުޅު އިވިވަޑައިގެންފިއެވެ. "ކާއޫސެވެ! ކީއްވީހެއްޔެވެ؟"
ކާއޫސް ޖަވާބު އެރުވިއެވެ. "ދަރިފުޅާއެވެ! حسّان ވަޑައިގެންފިއެވެ."
ماه بانو ކުރިޔަށްވަޑައިގެން ސިހިވަޑައިގެންހުންނެވި އަޑުފުޅަކުން ސުވާލުކުރެއްވިއެވެ. "ކަލާ ތިޔަވަޑައިގެންނެވީ ކޮންތަނަކުންތޯއެވެ؟ މިއީ ކާކުތޯއެވެ؟"
حسّان ޖަވާބުދެއްވިއެވެ. "މިއީ އަޅުގަނޑުގެ ކޮއްކޮއެވެ. މީނާވަނީ ޒަޚަމްވެފައެވެ."
ماه بانو އިތުރުއެއްޗެއް ވިދާޅުވުމެއްނެތި ކުރީގައި ހުންނަވައިގެން ވަޑައިގަންނަވާން ފަށްޓަވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި حسّان قبــاد ގެ ގަނޑުވަރުގެ ކޮޓަރިއެއްގައިހުރި އެނދެއްގައި سُهيل ބާއްވަވައިފިއެވެ. ماه بانو حسّان ގެ އަރިހުގައި ހުންނެވިއެވެ. އޭނާގެ ދެނޯކަރުންނާއި ޚާދިމާއަކާ އެކުގައެވެ. قبــاد އޭނާގެ އަސާކޮޅު ވިއްދަވަމުން އެކޮޓަރިއަށް ވެދެވަޑައިގެންފިއެވެ.
"ކީއްވީހެއްޔެވެ؟ މިއީ ކާކުހެއްޔެވެ؟" قبــاد سُهيل އާ ދިމާޔަށް ބައްލަވައިލައްވައިފައި ސުވާލުކުރެއްވިއެވެ.
حسّان ޖަވާބު ދެއްވިއެވެ. "މިއީ އަޅުގަނޑުގެ ކޮއްކޮއެވެ. އަޅުގަނޑު ތޫރަޖު ޤަތުލުކޮށްފީމެވެ. އޭނާގެ މީހުން އަޅުގަނޑުމެން ހޯދަމުން އެބަގެންދެއެވެ. سُهيل ޒަޚަމްނުވިނަމަ އަޅުގަނޑު މަނިކުފާނަކަށް އުނދަގޫފުޅެއް ނުކުރީމުހެވެ. ނަމަވެސް މަނިކުފާނުގެ ގަނޑުވަރު ފިޔަވައި އަޅުގަނޑުމެނަށް ސަލާމަތެއް ހޯދޭނެތަނެއް މިހާރަކު ނެތެވެ."
قبــاد ނޯކަރަކާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭގޮސް ނޯކަރުންގެ ގާތުގައި ދޮރާށި ތަޅުލާން ބުނާށެވެ."
ނޯކަރު ހިނގައްޖެއެވެ. قبــاد އެނދުކައިރީގައިހުރި ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަމުން سُهيل އާ ދިމާއަށް ބައްލަވައިލައްވައިފައި ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ! އޭނާގެ ޒަޚަމުން އަދިވެސް ލޭ އެބަ ނީރައެވެ. އަލުން ބެންޑޭޖް ކޮށްދޭށެވެ."
ޚާދިމާ ދުވެފައިގޮސް އެހެން ކޮޓަރިއަކުން ބޭސްއަޅާ ސާމާނުގެނެސްފިއެވެ. ماه بانو އަވަސްއަވަހަށް سُهيل ގެ ޒަޚަމްގެ ލެއިން ފޯވެފައިވާ ފޮތިގަނޑު މޮއްސަވައިލައްވައިފިއެވެ. ޒަޚަމްގެ މައްޗަށް ބޭސްކުނޑިތަކެއް އަޅުއްވައިފައި އަލުން ބެންޑޭޖް ކުރައްވައިފިއެވެ. سُهيل ކުކުރައިވަޑައިގެންފައި ފޮންފޮދަކަށް އެދިވަޑައިގެންނެވިއެވެ. حسّان سُهيل އަށް އެހީވެދެއްވައިގެން ދެތިންކޯވަރެއްގެ ފެން ދެއްވައިފިއެވެ. سُهيل އިރުކޮޅެއްވަންދެން ލޯފުޅު ހުޅުއްވައިގެން އޭނާއަށް ހޭހަންކުރައްވާ ބޭފުޅުންނާ ދިމާޔަށް ބައްލަވާން އޮންނެވިއެވެ. އިރުކޮޅެއްގެ ފަހުން އޭނާ ލޯފުޅުމަރުއްވައިލައްވައިފިއެވެ.
قبــاد ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ! މިބޭފުޅުންނަށް ފަރީއްކޮޅެއް ތައްޔާރުކުރުވާށެވެ."
حسّان ވިދާޅުވިއެވެ. "މިގަޑީގައި އުނދަގޫފުޅު ނުއުފުއްލަވާށެވެ. އަޅުގަނޑު ބަނޑުހައެއް ނުވެއެވެ."
قبــاد އަނެއްކާވެސް ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. ދަރިފުޅު حسّان އަށް ކިރުތަށިކޮޅެއް ގެނުވާށެވެ!"
ماه بانو ޚާދިމާއާއެކު ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. قبــاد حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. ކަލާގެ ހަށިކޮޅުގައި ތިޔަހަރީ ކޮއްކޮގެ ޒަޚަމްގެ ލޭ ކަމުގައި ނުވާނަމަ އަޅުގަނޑު ކަލާގެ ޒަޚަމް ބަލައިލާން ބޭނުމެވެ."
حسّان قبــاد ގެ އަރިހުގައިހުރި އެހެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ސާހިބާއެވެ! އަޅުގަނޑުގެ ޒަޚަމަކީ ވަރަށް އާދައިގެ ޒަޚަމެކެވެ. މަނިކުފާނު މާބޮޑަށް ފިކުރުފުޅު ނުކުރައްވާށެވެ."
"ކަލާގެ މޫނުފުޅު އެބަ ރީނދޫވެއެވެ. ކަލާގެ ޒަޚަމުން އަދިވެސް ލޭފޮދު އަންނަތަން އަޅުގަނޑަށް އެބަފެނެއެވެ." قبــاد ވިދާޅުވިއެވެ.
حسّان ހެދުންކޮޅު މައްޗަށް ނަންގަވައިފައި އޭނާގެ ފައިންޕުޅުގެ ފަލަމަސްގަނޑުގައިހުރި ޒަޚަމް މޮއްސަވައިލައްވައިފިއެވެ.
قبــاد حسّان ގެ ޒަޚަމްގައި ބޭސްއަޅުއްވައިފައި ބެންޑޭޖްކޮށްދެއްވަމުން ވިދާޅުވިއެވެ. މިއީ ތިޔަ ހީފުޅުކުރައްވާހައި އާދައިގެ ޒަޚަމެއް ނޫނެވެ. ކަލާ ދުވަސްކޮޅަކު ނުހިންގަވައި މަޑުކޮށްލެއްވުން ރަނގަޅުވާނެއެވެ. ކަލާ ކަލާގެ އަވަށުން ސީދާވަޑައިގަތީ ތޫރަޖުގެ އަވަށަށްތޯއެވެ؟"
"އާދޭހެވެ!"
"ކަލާ ވަޑައިގަތަނުދީ ނުހިފެހެއްޓުނުކަމާމެދު އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑު ހީކޮށްގެންހުރީ ކަލާ މިގެއިން ވަޑައިގެންނެވުމުގެކުރިން ماه بانو ހުރިހައި ވާހަކައެއްވެސް ދަންނަވާނެކަމަށެވެ. ނަމަވެސް އަޅުގަނޑެކޭ އެއްފަދައިން އޭނާއަކަށްވެސް ހުރިހައި ވާހަކައެއް ދެންނެވޭހައި ހިތްވަރެއް ނުލިބުނެވެ. އަޅުގަނޑު ކަލާގެ ފަހަތްޕުޅުން ކާއޫސްވެސް ފޮނުވީމެވެ. ނަމަވެސް އޭނާ އެނބުރިއައިސް ބުނީ ކަލާގެ އަވަށުން ކޮންމެވެސް ދިމާޔަކަށް ކަލާ ވަޑައިގެންފި ވާހަކައެވެ. އަވަށުމީހުން ކާއޫސް ގާތު ބުނިގޮތުގައި ކަލާ ތޫރަޖުގެ ކިބައިން ބަދަލު ނުހިއްޕަވައެއް އެނބުރިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ކަލާއަށް ލިބިވަޑައިގެންފައިވާ ސިފައިންގެ ތަމްރީނުގެ ސަބަބުން އަޅުގަނޑު ޔަގީންކޮށްގެންހުރީ ކަލާގެ ޙަޔާތްޕުޅު ނުރައްކަލެއްގެ ތެރެއަށް އެއްލަވައިނުލައްވާނެކަމުގައެވެ. މިހާރު އަޅުގަނޑަށް ހީވަނީ ކަލާ އަޅުގަނޑުމެންނާ މެދުވެސް ހީފުޅުކުރައްވާނީ ކަލާގެ ދުޝްމިނުން ކަމުގައިހެންނެވެ."
"މަނިކުފާނަކީ އަޅުގަނޑުމެންގެ ދުޝްމިނެއްކަމުގައި ބަލާނަމަކަ ސަލާމަތް ހޯދަން މިގަނޑުވަރަކަށް ނައީމުސް ނޫންތޯއެވެ؟"
"ކަލާ ގެޔަށް ތިޔަވަޑައިގަތީ އެތައް ދުވަހެއް ކުރައްވައިފައެވެ. ޖިހާންދާދުގެ ރަޙްމަތްތެރިޔާއާމެދު އަޅުގަނޑުގެ ހިތުގައި އޯގާވެރިކަމެއް ނެތްކަމުގައި ވީނަމަވެސް މިބާވަތުގެ ޚަބަރެއް ކުއްލިޔަކަށް އަރުވާކަށެއް އަޅުގަނޑަކަށް ނުކެރުނީހެވެ. އިރުކޮޅެއްގެ ކުރިން އަޅުގަނޑު އެނދުގައި އޮވެ ވިސްނަމުން ގެންދިޔައީ ކަލާ ކޮންމެވެސް ދުރުތަނަކަށް ވަޑައިގަތީ ކަމަށެވެ. ދެވަނަ ފަހަރަށް އަޅުގަނޑަށް ކަލާ ނުފެންނާނެކަމަށެވެ. ދެން މިހާރު ތޫރަޖުގެ މީހުން މިގެއާ ހަމައަށް ތިޔަބޭފުޅުންގެ ފަހަތްޕުޅުން ނާންނަކަމުގައިވާނަމަ، މިވަގުތަށް ކަލާއަށް އެއްވެސް ނުރައްކަލެއް ނެތެވެ. ނަމަވެސް ރައްކާތެރިވެވަޑައިގެން އުޅުއްވުމަކީ ބޭނުންކަމެކެވެ. ހުރިހައި ނުރައްކަލެއް ފިލަންދެން ކަލާ އުޅުއްވަން ޖެހިވަޑައިގަންނަވާނީ މިގޭގެ ބިންގަރާސް ކޮޓަރިއެއްގައެވެ. ގޭގެ ބިއްދޮށުން ކޯރާ ހަމައަށް ފެތުރިފައި އޮންނާނީ ޖަންގައްޔެވެ. ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ބިންގަރާހުގެ މަގަކުން ކަލާއަށް ޖަންގައްޔަށް ނުކުމެވަޑައިގެންނެވިދާނެއެވެ. ކަލާގެ ކޮއްކޮއަށް ކުޑަދުވަސްކޮޅެއްވަންދެން ހިންގަވައި އުޅުއްވޭނެކަމެއް ނޭނގެއެވެ. ނަމަވެސް ކަލާ ވަޑައިގެންނެތީސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑުގެ ފުރާނަ ހުރިހައި ހިނދަކު އޭނާ ޙިމާޔަތްކުރާނަމެވެ. ދެން ކަލާގެ ވާހަކަ އަޅުގަނޑަށް ވިދާޅުވެދެއްވުން އެދެމެވެ."
حسّان ވިދާޅުވިއެވެ. އަޅުގަނޑު އަވަށުން ނުކުތްއިރު ހިތުން ޢަހުދުކޮށްގެންހުރީ އިރުއޮއްސުމުގެ ކުރީން ތޫރަޖު ޤަތުލުކުރުމަށެވެ. އަޅުގަނޑު ހިތާމަކުރަނީ އަޅުގަނޑަށް އަޅުގަނޑުގެ ވަޢުދު ފުރިހަމަކުރެވުމުގެ ކުރީން އިރުއޮއްސުނީތީއެވެ. سُهيل ޒަޚަމްނުވިނަމަ އަޅުގަނޑު ދިޔައީހީ އަޅުގަނޑުގެ މާބެގެ އަރިހަށް ބަޙްރައިނަށެވެ. މިހާރު އަޅުގަނޑަށް މިއާދެވުނީ މަނިކުފާނަށް އާ މުސީބާތްތަކެއް ހިފައިގެންނެވެ. ތޫރަޖުގެ މީހުން އަޅުގަނޑު ހޯދަމުން އެބަގެންދެއެވެ. އިރުއެރުމާއެކު ހުރުމުޒުގެ ލަޝްކަރު މިހިސާބުގަނޑު އެއްފުށުން އަނެއްފުށަށް ޖަހަމުން ގެންދާނެއެވެ. މަނިކުފާނު سُهيل ރައްކާތެރިކޮށްދެއްވާނެ ކަމުގައިވާނަމަ އަޅުގަނޑުގެ ފުރާނައަށްޓަކައި މަނިކުފާނަށް އިތުރު ނުރައްކާތަކެއް ކުރިމަތިކުރުވާކަށެއް މަސައްކަތެއް ނުކުރާނަމެވެ."
(ނުނިމޭ)