ބޮލީވުޑް

ގޯވިންދާއާއި ޖެކީ އިޝްތިހާރުކުރި ތަދުފިލުވާ ބޭހެއް ބޭނުންކޮށްގެން ތަދު ނުފިލުމުން އެ ދެއެކްޓަރުން ޖޫރިމަނާކޮށްފި

ބޮލީވުޑުގެ ދެ އެކްޓަރުން ކަމަށްވާ، ގޯވިންދާ އާއި ޖެކީ ޝްރޮފް އިޝްތިހާރު ކުޅެފައިވާ ތަދު ފިލުވާ ބޭހެއް ބޭނުންކޮށްގެން، ތަދު ނުފިލުމުގެ ސަބަބުން އެ ދެ އެކްޓަރުން ޖޫރިމަނާ ކޮށްފި އެވެ.

ޖެކީ އާއި ގޯވިންދާ ޖޫރިމަނާ ކުރީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކޮންސިއުމާ ކޯޓަކުންނެވެ. އެ ދެ އެކްޓަރުން ޖޫރިމަނާ ކުރީ ކޮންމެ މީހަކު 20،000 އިންޑިއަން ރުޕީސް އިންނެވެ.

ގޯވިންދާ އާއި ޖެކީ ކުޅެފައިވާ، ތަދު ކަނޑުވާ އެ ބޭހުގެ އިޝްތިހާރުގައި ބުނެފައިވަނީ 15 ދުވަސް ތެރޭގައި ތަދު ކަނޑުވާލާނެ ކަމަށާއި އެހެން ނުވެއްޖެ ނަމަ ބޭސް ގަތުމަށް ހޭދަކުރި ފައިސާވެސް އަނބުރާ ލިބޭނެ ކަމަށެވެ. މި މައްސަލަ ކޯޓަށް މީގެ ފަސް އަހަރު ކުރީން ހުށަހެޅި ފަރާތުން ދައުވާކޮށްފައި ވަނީ އެ ބޭސް ގަތީ ޖެކީ އާއި ގޯވިންދާ ފަދަ މަގުބޫލު އަދި އިތުބާރު ކުރެވޭ ދެ އެކްޓަރުން އެންޑޯސް ކޮށްފައިވާތީ ކަމަށާއި އެހެން ނަމަވެސް އިޝްތިހާރުގައި ބުނެފައިވާ ގޮތަށް ތަދު ރަނގަޅު ވެފައި ނުވާ ކަމަށެވެ.

އަބިނަވް އަގަރްވާލް ނަމަކަށް ކިޔާ ގާނޫނީ ވަކީލަކު 2012 ވަނަ އަހަރު 3600 އިންޑިއަން ރުޕީސް ހަރަދުކޮށްފައި އެ ބޭސް ގަތީ، އޭނާގެ 70 އަހަރުގެ ބައްޕަޔަށެވެ. އެހެން ނަމަވެސް އިޝްތިހާރުގައި ބުނާ މުއްދަތުގައި އެ ބޭހުގެ އެއްވެސް ހެޔޮ އަސަރެއް ނުފެނުމުން އަގަރުވާލް ވަނީ ރިފަންޑު ހޯދުމަށް އެދި ބޭސް އުފެއްދި ކުންފުންޏަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެ ކުންފުނިން ވަނީ ފައިސާ އަނބުރާ ދޭން އިންކާރުކޮށްފައި ކަމަށާއި އޭގެ ބަދަލުގައި އަގަރްވާލަށް ބިރުދެއްކުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

ކޯޓުން މިހާރު ވަނީ އެ ބޭސް ވިއްކުން ވެސް މަނާކޮށްފަ އެވެ. އަދި ބޭސް ގަތުމަށް މީގެ ފަސް އަހަރު ކުރީން އަގަރްވާލް ހޭދަކުރި ފައިސާ އާއި އޭގެ ހަތް ޕަސެންޓުގެ ރޭޓުން އަހަރަކަށް ޖެހޭ އަދަދުގެ އިންޓްރެސްޓާއި މި މައްސަލަ ކޯޓަށް ވައްދައިގެން މައްސަލަ ހިންގުމަށް ޓަކައި އަގަރްވާލް އަތުން ހިނގި ހަރަދު ވެސް ދޭން ވަނީ ހުކުމްކޮށްފަ އެވެ.