އާޒިމާ ޝުކޫރު

އާޒިމާ ވެސް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުން އާއިޝަތު އާޒިމާ ޝުކޫރު އިސްތިއުފާ ދެއްވައިފިއެވެ.

އެ މަގާމުން އިސްތިއުފާ ދެއްވިކަން އާޒިމާ އިއުލާންކުރެއްވީ އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމަށް އާޒިމާ އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އާޒިމާ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މިއަހަރުގެ ފެބްރުއަރީ ތިނެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ކުއްލި ހާލަތު އިއުލާންކުރެވުނު ހިސާބުންނެވެ.

އާޒިމާގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވެސް ދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާއި، އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވެސް ވަނީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފައެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާ އިރު، އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ.