މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްދިނުމަށްފަހު ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ.
އެޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮޮމިޝަނުން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މިއަދު އެ ކޮމިޝަނުން ވަނީ އެމްއާރްއެމް ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފަ އެވެ.
މި ކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގަިއ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ދެއްކެވި ވާހަކައިގަ ޤާނޫނީ އިމުގެ ތެރެއިން ޕާޓީ ހިންގުމަށާއި، އިސްލާމީ މިންގަނޑު ތަކާއި އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްއާރުއެމް އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއެވެ. އެ ޖަލްސާގައި ވަނީ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ރައީސް މައުމޫނު އިންތިހާބު ކޮށްފައެވެ.
ޕާޓީގެ ލޯގޯ އާއި ކުލަ އާއި އަސާސީ ގަވާއިދާއި ވަގުތީ އެގްޒެކެޓިވް ކައުންސިލެއްވެސް ވަނީ ހޮވައިފައެވެ.
އެމްއާރުއެމްގެ ވަގުތީ ހިންގާ ކޮމިޓީގައި ހިމެނެނީ، 20 މެންބަރުންނެވެ. އެެއީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނެވެ.
އެމްއާރުއެމް އުފެއްދުމުގެ ކުރިން ރައީސް މައުމޫނު އުފެއްދެވީ ޑީއާރުޕީ އާއި ޕީޕީއެމް އެވެ.