ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ދިޔާނާއަށް އުނދަގޫ ނުކުރުމަށް ޑރ. އިޔާޒުގެ ކިބައިން ޖާބިރު އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާ ދިމާ ނުކުރުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ ކިބައިން ޖާބިރު އެދި ވަޑައިގެންފިއެވެ.

އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދިޔާނާއަށް އުނދަގޫ ނުކުރުމަށް އިޔާޒުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާއި، ދިޔާނާ އަކީ ލާދީނީ ބޭފުޅެއް ނޫން ކަމަށެވެ.

"އިޔާޒަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ އަންހެނުން ފާތުމަތު ދިޔާނާ ސައީދަށް އުނދަގޫ ނުކުރާށޭ، އެއީ ލާދީނީ ބޭފުޅެއްނޫނޭ އެބޭފުޅާގެ މަންމާ ފުޅަކީވެސް ކީރިތި ގުރުއާން ހިތުދަސް އަދި ބައްޕާފުޅަކީވެސް ދަންނަބޭކަލެކޭ، ކާފާފުޅަކީ މިރާއްޖޭގެ ފުރަތަމަ ބަންޑާރަ ނައިބޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އިސްްލާމްދީނޭ ކިޔައިގެން މީހުންގެ އަނބިންނާ ބެހި ހެދުމަކީ ހަޑި ކަމެއް ކަމަށެވެ.

"އިސްްލާމްދީނޭ ކިޔައިގެން މީހުންގެ އަނބިންނާ ބެހި އިޔާޒުމެން ކަހަލަ ބޭފުޅުން އުޅުން އެއީ ހަޑިކަމެކޭ، އެކަންކަން ދޫކޮށްލައްވާށޭ،" ޖާބިރު ވިދާޅުވިއެވެ.

ދީނީ ކަންކަމުގައި އުޅުއްވަންޏާ އެކަމުގައި އުޅުއްވުމަށާއި، ސިޔާސީ ކަންކަމުގައި އުޅުއްވަންޏާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށްވެސް ޖާބިރު ވަނީ އިޔާޒުގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާނީ އިއާޒު އަރިހުގައި މަޖިލީހުގެ މެންބަރަކަށް ވާށޭ، ސިޔާސީ ކަންކަމުގައި އުޅުއްވަންޏާ އަދި އެ ބޭފުޅުންނަށް ވޯޓުގަނޑެއް އެއްޗެއް ނުލިބިިއްޖެއްޔާ އެވާހަކަވެސް އަޅުގަނޑުމެން ކައިރީގަ ބުނެލީމަ އެކަމާވެސް އެހީތެރިވެވިދާނެއޭ، ދީނީ ފަތުވާ ދެންޏާ އެ މަސައްކަތުގައި އުޅުއްވާށޭ،" ޖާބިރު ވިދާާޅުވިއެވެ.