ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅިގެން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އަމާން ބަލަހައްޓަން ތިބި މީހުން އަނދިރި ދައުލަތަކަށް ބައިއަތު ހިފައިފި ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަ ތަކަކީ ވަރަށް ސީރިއަސް އިލްޒާމްތަކެއް ކަމަށެވެ. އަދި އެއީ ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް ކަމަށާއި، އެކަމުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
''ކުރިންވެސް ސިފައިންނަށް “މަނީ މަނީ ޔެސް ސަރ” ކިޔައިގެން ފޮށި، ގަދަރަށް އަރައިގަތް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި. ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި. މި އަމަލުތައް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫން'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އިއްޔެ ލ. ފޮނަދޫގައި ބޭއްވި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ ސެމިނާރުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ދިވެހިންގެ ތެރެއަށް ވަކި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަހަރެމެންގެ އަމަން ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.