އިބްރާހިމް ޒަކީ
އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެެއް ހުށަހަޅައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި މި ކުއްލި މައްސަލާގައި ބުނެފައިވަނީ، މީހުން މަރައި އެހެނިހެން ޖަރީމާތައް ހިނާގާ ސެލްއެއްގެ ބަޔަކު ށ.މާއުނގޫދޫއަށް އަރައި އެރަށް ފަތަހަ ކޮށްފިކަމުގެ އަމަލުތައް ހިންގައި، އެރަށުގެ އެތައް މިތަނުގައި އައިއެސްގެ ނިޝާނާއި ލޯގޯ އެރަށުގެ އެކި ތަންތަނުގައި ޖަހައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފަތުރާފައިވާ ކަމަށެވެ.
އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އަފްރާޝީމްގެ މައްސަަލައި ގައި ނެރުނު ރިޕޯޓްގައި ތަފްސީލްކޮށް ބަޔާން ކޮށްފައިވާ މައުލޫމާތުން އެކަމުގެ ބޮޑުކަމާއި ކަންބޮޑުވުން ބުނެދޭ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދި ބޮޑުވެފައިވާ ބައެއް ކަމުގައި ނުވާތީ، އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ނަމަވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގައި އެ ކުދިންނާ ޖިންސީގޮތުން ގުޅުން އުފައްދައި ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެންމަތި ވެފައިވާ ކަމަށް މި މައްސަލަ ހުށަަހަޅުއްވަމުން ހުސެއިން ވިދާޅުވިއެވެ.
"އެގޮތުން 13 އަހަރުގެ ކުޑަކުއްޖަކާ މެދު މިފަދައިން ޖިންސީ ގޮތުން ގުޅުން އުފައްދައި އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނުފަހުުން އަހަރެއް ވުމާ ގާތްވެފައި ވާއިރު މިކަމުގައި ޝިކާރައަކަށްވި ކުޑަކުއްޖާ މިހާރުވެސް ދިރިއުޅެމުން ގެންދަނީ މި ނުރައްކަލަށް އެކުއްޖާ ހުށަހެޅު ފަރާތްތަކާ އެކުކަން ފާހަގަ ކޮށް، އަދި މިކަމުގައި ޝާމިލް ވެފައިވާ އެއްވެސް ފަރާތަކާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅޭހިނދު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ އަދި އިހުމާލްވެފައިވާ ހުރިހާ ފަރާތްތަކާމެދު މި ހިނދުން މިހިނދަން ފިޔަވަޅު އެޅުމަށް ގޮވާލަން،" ކަމަށް ކުއްލި މައްސަލައިގައި ވެއެވެ.