ސަރުކާރުން ކުރާ މަސައްކަތްތައް ނިންމަނީ ކޯލިޝަންގެ މަޝްވަރާއަށް ފަހުގައި ކަމަށްވާނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ލާބައާ މަންފާ ލިބިގެންދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާ ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު ފެށުމުގެ ކުރީން މިއަދު ބޭއްވި މަޝްވަރާއިން ހާމަވެގެންދަނީ ރައްޔިތުންގެ ފޮނި އުއްމީދުތަކާ ގުޅިފައިވާ ސަރުކާރެއް ކަމަށެވެ.
"މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއްކަން މިއަދު ހާމަވެގެން އެ ދިޔައީ. އަދި އެކަމުން އެނގިގެން އެ ދިޔައީ ރައްޔިތުންގެ ހިއްސާ މި ސަރުކާރުގައި އެކުލެވިގެންވާ ކަން" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާގައި އެއްބަސްވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަށް އެންމެ މަތީ މަޝްވަރާ އަރުވާނެ ބޭފުޅުންނަކީ ކޯލިޝަން ޕާޓީތަކުގެ އިސްވެރީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އިތުރަށް ވިދާޅުވީ ކޯލިޝަނުން އެދެނީ ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައި މިސަރުކާރު ހިންގުމަށް ކަމަށެވެ.