އިބްރާހިމް ޒަކީ
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުބަޔަކަށް ދިނުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް ކަމަށް މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާފަރު އެއާޕޯޓް ހިންގުން އެ އެއާޕޯޓް ހެދި ފަރާތާ ހަވާލު ނުކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު، ކުރެއްވި ސިވާލަށް ޖަވާބު ދެއްވަމުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ހެދި ފަރާތަށް އެއާޕޯޓް ހިންގަން ނުދިން ސަބަބަކީ ބޭރުގެ ބަޔަކާ އެއާޕޯޓް ހިންގަން ހަވާލު ކުރުމުން ދިވެހިން ކަންބޮޑުވާ ކަމަށާއި އެ ތަޖުރިބާއަށް ބަލައިގެން ކަމަށެވެ.
އެހެންކަމުން ބޭރު ބަޔަކާ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގުމާއި އޮޕަރޭޓް ކުރަން ހަވާލު ކުރުމަކީ ބޭނުންވާކަމެއްނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެއާޕޯޓް ހެދި ފަރާތަށް އެއާޕޯޓް ހިންގަން ނުދިން ސަބަބަކީ، ރާއްޖޭގައި ކުރެވުނު ތަޖުރިބާގެ އަލީގައި ބޭރުގެ ބަޔަކު ރާއްޖޭގެ އެއާޕޯޓަކާ ކައިރިވެއްޖެއްޔާ، ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ބިރުގަންނަ ކަމަށްވަނީ، އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ނިންމުމަކަށްވީ ބޭރުގެ ބަޔަކާ ރާއްޖޭގެ އެއްވެ އެއާޕޯޓެއް ހިންގުމާއި އޮޕަރޭޓް ކުރަން ހަވާލު ކުރުމަކީ ބޭނުންވާ ކަމެއްނޫން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސިޔާސަތަކީ ބަދަލުވާ އެއްޗެއް ކަމަށާއި މިއަދުގެ ހާލަތަކީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކަށް ދިނުން ނޫން ކަމަށާއި އަދި އެއީ މިއަދު ހިންގެން އޮތް ސިޔާސަތު ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، މާފަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އައި އެއީ އިންޓަނޭޝަނަލް އެއާޕޯޓެއްކަމުން އެ އެއާޕޯޓަށް ހުރިހާ ވައްތަރެއްގެ ބޯޓެއް ލޭންޑް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާ މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ސިންގަޕޫރުގެ ޓަފް އޮފްޝޯ ކުންފުންޏާ ހަވާލު ކޮށްގެން ތައްޔާރު ކޮށްފައިވާ އެއާޕޯޓެކެވެ.
އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.