އިބްރާހިމް ޒަކީ
ރާއްޖޭގެ ރަށްތައް ސަލާމަތް ކުރެވޭގޮތަށް ރަށްރަށުގައި ބަނދަރު ހެދުމުގެ އާ ވިސްނުމެއް މިހާރު ގެނެވެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނު ބަނދަރާ ބެހޭގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން، މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ ކުރައްވަމުން ގެންދަވާ ސުވާލުގެ ތެރެއިން ބަނދަރު ހެދުމަށް މިހާރު ބޭނުންކުރަމުން އަންނަ ގޮތްތައް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރަށް ލަފާ ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރަށްރަށުގައި ބަނދަރުތައް މިހާރު ހަދާގޮތަށް، ބާރަށް ހަދަން ފެށީ ސުނާމީއަށްފަހުގައި ކަމަށެވެ.
މަޖިިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ރށްރަށުގެ ބަނދަރުތައް ހެދުމުގެ މައިގަނޑޫ އުސޫލު އޮންނަނީ ރަށްވަށައި އެނބުރޭ ހުރިހާ ވެއްޔެއް ހުއްޓާލައި ރަށުގެ ގުދުރަތީ ބަދަލުކޮށްލާ ގޮތަށް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ނުކުމެފައިވާ ނަތީޖާ މެންބަރުންނަށް ފެންނަން ހުންނާނެ ކަމަށާއި، އެހެން އެކަން ކުރުމުން ޖެހިގެން އަންނަ އަހަރު އުޅެން ޖެހެނީ ރަށް ގިރުމުގެ ކަންބޮޑުތަކުގަިއ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޓެކްނޮލޮޖީ ބޭނުންކޮށްގެން މާލީ އިދާރާތަކުން އެއްބަސްވާ ޑިޒައިންއާ އެއްގޮތަށް ބަދަރު ހެދުމުގެ މަސައްކަތަށް ބަލާއިރު، ބަނދަރު އޮންނަންވީތަނާމެދު އެކި ރަށްރަށުގެ ރައްޔިތުން ގެ ހިޔާލު ހުންނަނީ އެކި ގޮތަށް ކަމަށާއި، ގިނަ ފަހަރަށް އެކަން ވެގެންދަނީ ތޮބީއީގޮތުން ރަށް އުފެދިފައިވާ ގޮތާއި ގުތުރަތީ ރޭވުންތެރިކަމާ ހިލަފަށް، ދިރިއުޅުމުގެ ފަސޭއަކަށް ކަމަށެވެ. އެކަމުގެ ސަބަބުން ރަށަށް ދިމާވާ ބޮޑެތި ގެއްލުންތައް ފެނިގެންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް އަދި ލިބިފައިވާ ގުދުރަތީ ވަސީލަތްތައް މިހާރަށްވުރެ ބޮޑަށް ބޭނުންކޮށްގެން ބަނދަރުތައް ހެދުމުގެ އާވިސްނުން ސަރުކާރާއި ޕްލޭނިން މިނިސްޓްރީގައި މިހާރު ހުންނަންޖެހޭނެ ކަމަށެވެ.