ގާސިމް އިބްރާހިމް

ސިޔާސީ މީހުން މަސައްކަތް ކުރާނީ ޓްރަސްޓަކަށް ނޫން، އިންޓްރަސްޓަށް: ގާސިމް

ޝަހީދާ އަބްދުﷲ ސައީދު

ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަނީ ޓްރަސްޓްއަށް ނޫން ކަމަށާއި، އެބޭފުޅުން މަސައްކަތް ކުރައްވަނީ އިންޓްރަސްޓްއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނު އާ، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބަށް ފަހު ގައުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ޖޭޕީއަށް ވަންނަމުންދާ މަޖިލިސް މެންބަރުންނާއި، އާންމު ރައްޔިތުންގެ އަދަދު އިތުރުވަމުން ދާތީ އެކަން ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ.

''ސިޔާސީ މީހުން މަސައްކަތް ކުރާނީ ޓްރަސްޓް އަކަށް ނޫން، އިންޓްރަސްޓްއަށް. މިހާރު މިފެންނަނީ 23 ސެޕްޓެމްބަރުގައި ބޭއްވި އިންތިޚާބަށްފަހު ގައުމުގެ ކަންކަން ރަނގަޅު ވަމުންދާ މިންވަރު. ރައްޔިތުން އެކަން ބަލައިގަނޭ ވަރަށް ބޮޑަށް.'' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޕާޓީއަށް މެންބަރުން އިތުރުވަނީ ޕާޓީގެ އެތެރޭގެ ހިންގުމާއި ޑިމޮކްރަސީ ރަނގަޅު ވުމުންނެވެ.

މުބީން އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވި ބޭފުޅެއްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ މެންބަރުން އިންތިޚާބު ކުރަނީ ޕާޓީން ވަރަށް ބޮޑެތި ގުރުބާނީތައް ވެގެން ކަމަށެވެ. އަދި އަނބުރާ މުބީން ޕާޓީއާ ގުޅިވަޑައިގަތުމުން އުފާކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެޕާޓީން ކޮންމެ މީހަކާމެދު ވެސް އަމަލުކުރަމުން ދަނީ ހަމަހަމަކަމާއި އިންސާފުން ކަމަށެވެ. އަދި އަންނަ ސަރުކާރު ދަމަހައްޓަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މުބީން އާ އަހުމަދު ރަޝީދު ކުރިން ހުންނެވީ ޕީޕީއެމްގައެވެ. މުބީން މަޖިލީހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. އަދި އަހުމަދު ރަޝީދު މަޖިލީހަށް އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ.