ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ބައިއަތު ހިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައި މިވަނީ ޖުޑިޝަލް އެކަމީން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ސިފައިންނާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރިޔާޒް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ތިބި ގިނަ މީހުންނަކީ ގައުމަށް ތެދުވެރި، ގައުމު ދެކެ ލޯބިވާ ހިދުމަތްތެރިން ކަމަށެވެ. އަދި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް އެ މުއައްސަސާތަކުން ބައިއަތު ހިފާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ފުލުހުންނާއި ސިފައިން ވަނީ "އަނދިރި ދައުލަތަށް" ބައިއަތު ހިފައިފައެވެ. އަނދިރި ދައުލަތޭ ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ނިސްބަތްކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތީ ސައްތައިން ސައްތަ އިސްލާމްދީން ކަމަށާއި އެހެން ގޮތަކަށް އިސްލާމް ދީނަށް އުޅުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދީގެން ތިބުމަކީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ދޫކޮށްލާފައިވާ މިންވަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.