ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައިވަނީ ޖިންސީ ފުރައްސާރައިގެ އެންމެ މައްސަލައެއް ކަމަށް ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިޒްމިއާ ޒާހިރު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރެއިން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުނުވާފައިވަނީ ހަމައެކަނި 2019 ވަނަ އަހަރު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ މިފަދަ މައްސަލަތައް ބެލުން ރަނގަޅު ކުރުމުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް އިޒްމިއާ ވަނީ ވިިދާޅުވެފައެވެ.
"އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން 9 މައްސަލައެއް 2019 ވަނަ އަހަރު ރިޕޯޓް ކޮށްފައިވޭ. އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވަނީ 2019 ވަނަ އަހަރު އެކަނިކަން ފާހަގަކުރެވޭ. އަޅުގަނޑުމެން ދެކެނީ މިފަދަ މައްސަލަތައް ބެލުން ރަނގަޅުކުރުމުގައި އަޅުގަނޑުމެންނަށް ފުރަތަމަ ފިޔަވަޅު މިއަހަރު އެޅިފައިވާ ކަމަށް. އެހެންނަމަވެސް ރަނގަޅަށް ހިނގައިގަންނަށް އަޅުގަނޑުމެންވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" އިޒްމިއާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދަ މައްސަލަަތައް ފުލުހުންނަށް ހުށަހެޅުމުގައި ބައެއް އަންހެނުން ފަސްޖެހޭ ކަމަށާއި އެކަމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަވެސް އިޒްމިއާ ވަނީ ފާހަގަކުރަށްވައިފައެވެ. އަދި އެކަމުގެ ސަބަބެއް ކަމަށް އިޒްމިއާ ވިދާޅުވީ ދެމަފިރިން ނުވަތަ އެކުގައި ރައްޓެހިވެގެން އުޅޭއިރު ނަގާފައި ހުންނަ ފޮޓޯތައް ލީކުކޮށްލައިފާނެ ކަމުގެ ބިރު އަންހެން މީހާއަށް އޮންނާތީ ކަމަށެވެ. އަދި އޭގެ ސަބަބުން އަންހެން މީހާއަށް ލިބޭ އަނިޔާ ތަހައްމަލު ކުރަން ޖެހޭކަން ވެސް އިޒްމިއާ ފާހަގަކުރެއްވިއެވެ.
"ދެމަފިރިން އެކުގައި އުޅޭ ދުވަސްވަރު ދެމަފިރިން އެކުގައި ނަގާފަ ހުންނަ ފޮޓޯތައް އެ ދެމަފިރިން މައްސަލަ ޖެހޭ ދުވަހު އެ ފޮޓޯތައް ބޭނުންކޮށްފައި ހުންނަނީ ބްލެކްމެއިލް ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި. މިގޮތަށް ބްލެކްމެއިލް ކޮށްގެން ފޮޓޯތައް ލީކުކޮށްލައިފާނެ ކަމުގެ ބިރަށްޓަކައި ބައެއް އަންހެނުން އެމީހުންގެ އަނިޔާވެރި ފިރިން ކައިރިން ވަރިވާން އެދިފައިވެސް، ފޮޓޯތައް ލީކުކޮށްފާނެ ކަމުގެ ބިރަށްޓަކައި އަނިޔާތައް ތަހައްމަލު ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،" އިޒްމިއާ ވިދާޅުވިއެވެ.
އިޒްމިއާ ވިދާޅުވީ ބްލެކްމެއިލް ކުރުމުގެ ޝިކާރައަކަށް އެކި އުމުރުފުރައިގެ އަންހެނުންނާއި މަތީ ތައުލީމު ހާސިލުކޮށް އެކި މަގާމުތަކުގައި މަސައްކަތްކުރާ އަންހެނުން ހިމެނިފައިވާކަން ފާހަގަކުރާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ފުލުހުންނަށް ހިއްސާކުރުމަށްވެސް އެ އިދާރާއިން އެދެއެވެ.