ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ލަމްއާން ހުށަހަޅުއްވައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން މުހައްމަދު ލަމްއާން ހުށަހަޅުއްވައިފިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށް ލަމްއާން ހުށަހަޅުއްވި ކަން އޭނާ އިއުލާންކުރެއްވީ މިއަދު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑު، 17 ނޮވެމްބަރު 2018 އިން ފެށިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް މިހާރު ވާނީ ހުށަހަޅާފައި. އަދި މިއަދު އަޅުގަނޑުމެންގެ ބޯޑުގެ ބައްދަލުވުމުގައި 17 ނޮވެމްބަރުން ފެށިގެން އިސްތިއުފާ ވެސް ވަނީ ގަބޫލުކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.

ލަމްއާން ވިދާޅުވީ އެހެން ބޭފުޅަކު ހަވާލުވަންދެން 17 ނޮވެމްބަރުން ފެށިގެން ފެނަކައާއި އެ ކުންފުނީގެ އޮޕަރޭޝަންތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނަވާނީ ޗީފް ޓެކްނިކަލް އޮފިސަރު ހުސައިން ހަމީޝް ކަމަށެވެ.