އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމްއިްޔާއަށް ފިޔަވަޅު އެޅުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއިން ގޮތެއް ނިންމާނެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ދިރާސާކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމމިޓީ)ން އެކުވައިލި ރިޕޯޓް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ކޮމިޓީތަކުން ހުށަހަޅާކަންތައް ތަކުގެ ގޮތުގައި މާދަމާގެ ޖަލްސާއަށް އެ ރިޕޯޓް އެޖެންޑާކޮށްފައި ވާއިރު، ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްފަހު އޮންނާނީ މެންބަރުން ހުށަހަޅާ އިސްލާހު ތަކާއެކު ވޯޓަށް އެހުމެވެ. މެންބަރަކު އިސްލާހެއް ހުށަނާޅުއްވާނަމަ ރިޕޯޓް އޮތް ގޮތަށް ފާސް ކުރާނެއެވެ.
އެ ރިޕޯޓްގައި ރިކޮމަންޑޭޝަން ތަކެއްްވެސް ކޮމިޓީން ވަނީ ހިމަނައިފައެވެ.
ކޮމިޓީ ރިޕޯޓުގައި، އަފްރާޝީމްގެ މަރާ ގުޅިގެން ޖީނާ ކުށްތައް ހިންގާފައިވާކަމަށް ކޮމިޝަން ރިޕޯޓްގައި ކަނޑައެޅިގެން ފާހަގަ ކޮށްފައިވާ ހުރިހާ ފަރާތްތަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ކޮމިޓީިން ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެންނާއި ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލު ކުރެވިފައިވާ (ފައިނޭންޝަލް ޓްރާންސްސެކްޝަންސް) ހިންގާފައިވާ ގޮތާއި ބަދަލު ކުރެވިފައިވާ ފައިސާގެ މިންވަރު ދެނެގަތުމަށްޓަކައި، ޖަމިއްޔަތުއްސަލަފްގެ 2012 އިން 2018 އަށް ހަރަދުތައްް ހިންގާފައިވާގޮތުގެ ތަފުސީލު އަދި އަހަރީ ހިސާބު އެނގޭނެ ރިޕޯޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކޮމިޓީއަށް ހޯދުމަށް ރެކޮމަންޑޭޝަނެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
ކޮމިޝަން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.
ކޮމިޝަން ރިޕޯޓްގައި ފާހަގަކޮށްފައިވާ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ ލިސްޓުގެ ފުރަތަމަ ނަމަކަށް އޮތީ ޖަމިއްޔަތުއްސަލަފެވެ.
ޑރ. އަފްރާޝީމްގެ މަރާ ސަލަފް ޖަމިއްޔާއާ ގުޅުވަމުންދާތީ އެޖަމިއްޔާއިން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.
އެ ޖަމިއްޔާއިން ބުނީ އެއީ އެ ޖަމިއްޔާގެ ބޮލުގައި ކަންތައްތަކެއް އަޅުވައިގެން ރާއްޖޭގައި ދިނީ ޝުއޫރު ފާޅުކުރަން ހުރަސް އަޅަން ބަޔަކު ކުރާ ކަމެއް ކަމަށެވެ.