ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، މިއަދު ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ކުޑަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިއަހަރު ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިއަކީ މަރީނާ ކަޒަކޯވާ ކިޔާ ރަޝިޔާގެ ރަށްވެއްސެކެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މި މަރުހަބާ ކިޔާފައި ވަނީ ދިވެހި ސަގާފީ ކުޅިވަރާ އެކު އެވެ.
1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށް، ރާއްޖެއިން މި އަހަރަށް ކަނޑައެޅި ޓާގެޓު ހާސިލްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި މިވަނީ ރިކޯޑެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ އޭގެ ކުރީ އަހަރުގެ އޮކްޓޯބަރާ އަޅާ ބަލާއިރު %15.4 އިތުރު އަދަދެކެވެ.