ޖުމްހޫރީ ޕާޓީ

މުބީނާއި ގާރީ ރަޝީދު ޖޭޕީއަށް ސޮއިކޮށްފި

ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމަށްފަހު މުބީނާއި ގާރީ ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމަށްޓަކައި މ. ކުނޫޒުގައި މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ކުރިއަށްދިޔައެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރުކަމަށް މުބީން އިންތިހާބުވެވަޑައިގެންނެވީ ވެސް ޖޭޕީގެ ޓިކެޓުގައެވެ. ކުރިން ޖޭޕީން ވަކިވުމަށްފަހު، ޕީޕީއެމްއާ މުބީން ގުޅިވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކޮންމެ ބޭފުޅަކަށް ވެސް ޖޭޕީއާ ގުޅުމަށް މަރުހަބާ ދަންނަވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ޖޭޕީ ދޫކުރައްވައި، އެހެން ޕާޓީތަކާ ގުޅިވަޑައިގެންނެވި ބޭފުޅުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.