ސިޔާސީ މަސައްކަތަށް ނުކުންނެވީ ރައީސް ޔާމީނާއެކުގައި ކަމަށާއި، އަދިވެސް ހުންނާނީ އެގޮތުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިހާބަށްފަހު ޕީޕީއެމްގެ މެމްބަރުންގެ އަޑުމަޑުވެފައިވާ އިރު، އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ސިޔާސީ މަސައްކަތަށް ނުކުންނެވީ ރައީސް ޔާމީނާއެކުގައި ކަމަށްވާތީ އަދިވެސް ހުންނާނީ އެގޮތުގައި ކަމަށެވެ.
އަދުރޭ ފާހަގަކޮށްލެވުނީ ރައީސް ޔާމީންގެ ކެމްޕޭން މަސައްކަތުގައި އެންމެ ބޮޑަށް އުޅުއްވި އެއް ފަރާތުގެ ގޮތުގައެވެ. އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.
ޖުމްލަ 2،33،877 މީހުން މިއަހަރުގެ އިންތިހާބުގައި ވޯޓުލާފައިވާ އިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 26،2،135 މީހުނަށެވެ. ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 2،30،748 ވޯޓެވެ.