ކޮލަމް

ކެޔޮނިރު ކޮލަމް: އެމްޑީޕީގައި ނަޝީދުގެ މަގުބޫލުކަން ފުރަތަމަ ފަހަރަށް ދަށަށް! 64000 މެންބަރުން ވޯޓު ނުލީ ކީއްވެ؟

މުހައްމަދު ބުޝްރީ

4

ހުކުރު ދުވަހު ބޭއްވި އެމް.ޑީ.ޕީ ގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއެއްގައި ލިޔެފައި ވެއެވެ: "ބޮޑު އަގުލަބިއްޔަތަކުން ރައީސް ނަޝީދު ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިފި." ނަމަވެސް 87،439 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގައިވާ އިންތިހާބެއްގައި ނަޝީދަށް ވޯޓުލީ އެންމެ 23،369 މީހުންނެވެ. އެމް.ޑީ.ޕީ ގެ އަނެއް 64،000 މެމްބަރުން ކޮބައިތޯއެވެ؟ އެ މެމްބަރުން ރައީސް ނަޝީދަށް ވޯޓުލާން ނުނިކުތީ ކީއްވެގެންތޯ އެވެ؟ މިއީ "ބޮޑު އަގުލަބިއްޔަތަކުން" ރައީސް ނަޝީދަށް ލިބިވަޑައިގަތް ކާމިޔާބެއްތޯއެވެ؟

ހުކުރު ދުވަހު ބޭއްވި އެމް.ޑީ.ޕީ ގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަ ކުރެއްވި ހަމައެކަނި ކެންޑިޑޭޓް، މުހައްމަދު ނަޝީދަށް އެ އިންތިހާބުގެ ނަތީޖާއިން އެހެން ހައިރާން ކަމެއްވެސް ކުރިމަތިވިއެވެ. ނިސްބަތުން އާބާދީ މަދު ރަށެއް ކަމުގައިވާ ނ. ހެނބަދޫން ވަރަށް ބޮޑު ތަފާތަކުން ނަޝީދަށް ނޫނެކޭ ބުނުމެވެ. ރަށަކީ ކުޑަ ރަށެކެވެ. ނަމަވެސް އެރަށުން ވޯޓުލީ މީހުންގެ ތެރެއިން ނަޝީދަށް ރައީސްކަން ދޭން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 17 މީހުންނެވެ. ނުފެންނަ ކަމަށް 86 މީހުން ވޯޓުދީފައި ވެއެވެ. އެއީ ވޯޓުލީ މީހުންގެ 82 އިން ސައްތަ އެވެ. މި 82 މީހުންނަކީ ވެސް ހަމަ އެމް.ޑީ.ޕީ މެމްބަރުންނެވެ. އެމީހުން ނަޝީދަށް ނޫނެކޭ ބުނާނީ ހަމަ ގައިމުވެސް ސަބަބަކާ ހުރެއެވެ.

އެމް.ޑީ.ޕީ ގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގަންނަވާނެކަން މާކުރިންވެސް އޮތީ ޔަޤީން ވެފައެވެ. އެކަމާ އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ. ނަމަވެސް ހައިރާން ކުރުވަނިވި ކަމަކަށްވީ 87 ހާސް މީހުންގެ ތެރެއިން އެންމެ 23 ހާސް މީހުން ނަޝީދަށް އާނއެކޭ ބުނުމާއި، އެއް ރަށަކުން 82 އިން ސައްތަ މީހުން ނަޝީދަށް ނޫނެކޭ ބުނުމެވެ. އިއްޔެގެ އިންތިހާބުގައި ހަޤީގީ ވާދަވެރިކަމެއް އޮތީ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށެވެ. ފާޅުގައި އެންޑޯސްކޮށްފައި ނެތަސް އަސްލަމަށް ތާއީދު ކުރެއްވީ ނަޝީދު ކަމާއި، ޝިފާޒަށް ތާއީދު ކުރެއްވީ ރައިސް ސޯލިހު ކަމަށް އެންމެންވެސް ޤަބޫލު ކުރިއެވެ. ނައިބު ރައީސް ކަމުގެ ކެމްޕެއިނާއި، ކެމްޕެއިން ތަކުގައި ބައިވެރިވި ފަރާތްތަކާއި، ދެކެވުނު ވާހަކަތަކަށް ބަލައިލުމުން މިކަން ވަރަށް ސާފެވެ.

ޕާޓީގެ ނައިބު ރައީސްކަން އަސްލަމަށް ލިބުނު ނަމަ އެމް.ޑީ.ޕީ ގެ ފުރިހަމަ ކޮންޓްރޯލް ރައީސް ނަޝީދަށް ލިބިވަޑައިގަތީހެވެ. މިހާރު ނަތީޖާ މި ނުކުތް ގޮތުން ރައީސް ސޯލިހުގެ ބާރު ޕާޓީ ތެރޭގައި އިތުރަށް ގަދަވާނެއެވެ. އަދި ނަޝީދަށް ލިބިވަޑައިގަތް ވޯޓު މަދު ވުމަކީ ވެސް ޕާޓީ ތެރެއިން ނަޝީދުގެ ފިކުރާ ތަފާތު ފިކުރެއް އާލާވެފައިވާ ކަމުގެ ހެއްކެކެވެ.

ރަސޫލު (ސ.އ.ވ) އަށާއި ކީރިތި ޤުރުއާނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް އެމް.ޑީ.އެން ނަމަކަށް ކިޔާ ދިވެހި ޖަމިއްޔާއަކުން ނެރުނު ރިޕޯޓާ ގުޅިގެން ފާޅުގައި އެ ޖަމިއްޔާ ދިފާއު ކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެ ރިޕޯޓް ލިޔުނު މީހުންގެ ނިޔަތަކީ ދީނަށް ފުރައްސާރަ ކުރުން ނޫން ކަމަށާއި އެއީ ބަސްމަގުން އެރި އޮޅުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ރިޕޯޓްގައި ރަނގަޅު ވާހަކަވެސް އެބަހުރި ކަމަށާއި އެއީ ދީނީ ގޮތުން ހައްދުފަހަނައެޅުން ހުއްޓުވުމަށް އެރިޕޯޓުގައިވާ ވާހަކަތައް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޑރ. އަފްރާޝީމްގެ ގަތުލާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ފަހު ދީނީ އިލްމުވެރިޔާ ޑރ. ޝަހީމަށާއި ދީނީ ޖަމިއްޔާ ސަލަފް ޖަމާއަތަށް ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލުމަށް ބާރު އަޅައި ނަޝީދާއި ނަޝީދަށް ތާއީދު ކުރާ މަޖުލިސް މެންބަރުން ތަފާތު ވާހަކަ ދައްކަވާފައި ވެއެވެ. އަދި މަޖުލިސް ތެރެއިން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައީސް ސޯލިހަށް ވަގަށް ގޮވައި، ބަޣާވާތް ކުރުމަށް ގޮވައި ހެދި އިރުވެސް ޖާބިރު ދައްކާނެ ވާހަކައެއް ދައްކަން ނަޝީދު ފުރުސަތު ދެއްވައިގެން އިންނެވި އިންނެވުންވެސް ވެގެން ގޮސްފައިވަނީ އެމް.ޑީ.ޕީ ތެރޭގައި ބައިބައިވުން އުފެދި ރައީސް ނަޝީދާ މެދު ޕާޓީ ތެރެއިން ބައެއް ފަރާތްތައް ހިތްހަމަ ނުޖެހުމުގެ ސަބަބަކަށެވެ.

ހުކުރު ދުވަހުގެ އިންތިހާބު ވެގެން ގޮސްފައިވަނީ މިދެންނެވި ހިޔާލުތަފާތުވުންތަކުގެ ނަތީޖާ، ޕާޓީގެ މެމްބަރުން ދެއްކި ރިޕޯޓް ކާޑަކަށެވެ. މި ރިޕޯޓް ކާޑުން ފެންނަނީ އެމް.ޑީ.ޕީ ތެރެއިން ފުރަތަމަ ފަހަރަށް ރައީސް ނަޝީދުގެ ބާރާއި ނުފޫޒު މަޑު މަޑުން ދަށްވާން ފެށިތަނެވެ.

ރައްޔިތުންގެ ވިންދު އެންމެ އަވަހަށް މިނެލަން ދެން ލިބޭނެ ފުރުސަތަކީ އަންނަ 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ބާއްވާ ކައުންސިލް ތަކުގެ އިންތިހާބެވެ. ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ ކައުންސިލް ތަކުގެ މެޖޯރިޓީ މިހާރު އޮތީ އެމް.ޑީ.ޕީ އަތުގައެވެ. ފަސް މަސް ދުވަސް ފަހުން ބާއްވާ ކައުންސިލް އިންތިހާބުން ރައްޔިތުން އަނެއްކާވެސް އެމް.ޑީ.ޕީއަށް ކައުންސިލް ތަކުގެ މެޖޯރިޓީ ދޭނެބާވައެވެ؟ އަދި އެމް.ޑީ.ޕީ އަށް މެޖޯރިޓީ ލިބުނަސް އެ އިންތިހާބުވެސް ޕާޓީ ތެރެއިން ފެކްޝަން ތަކަކަށް ބެހި ނަޝީދުގެ ފެކްޝަން ބަލިވެ ރައީސް ސޯލިހުގެ ފެކްޝަން ކުރި ހޯދާނެ ބާވައެވެ؟ އައްޑޫ ސީޓީ ކައުންސިލުގެ މޭޔަރު، ސޯދިގު (ސޯބެ) އާއި މާލޭ ސިޓީ ކައުންސިލްގެ ޝިފާ ފަދަ ނަޝީދުގެ ފަހުލަވާނުން އާ ދައުރަކަށް ހޮވޭނެ ބާވައެވެ؟ ނުވަތަ އެފަރާތްތަކުގެ މައްޗަށް ރައީސް ސޯލިހުގެ ފެކްޝަނުން އެހެން ކެންޑިޑޭޓުން ނެރެެ އެފަރާތްތައް ބަލި ވާނެ ބާވައެވެ؟

ކައުންސިލް އިންތިހާބު ނިމޭއިރު ރައީސް ސޯލިހުގެ ރިޔާސީ ދައުރުގައި ބާކީ އޮންނާނީ 3 އަހަރާއި ބައެވެ. އެ 3 އަހަރާއި ބައިގެ މިސްރާބު ދާނެ ގޮތް ސާފުވާނީ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

ޤައުމުގެ ސިޔާސީ ކުރިމަގަށް ވަނީ ބަރުލަމާނީގެ ކޮޅިގަނޑެއް ނަގާފައެވެ. މަޖުލިސްތެރޭގައި ވަކި ސަރުކާރެއް ހިންގާ ކަމުގެ ކޮޅިގަނޑެއް ނަގާފައެވެ. މިކޮޅިގަނޑުތައް ކެރިއަށާއި ތޫފާނަށް ބަދަލުވާނީތޯ ނުވަތަ މޫސުން ރަނގަޅުވާނީތޯ މިއީ އޭޕްރިލްގެ އިންތިހާބުން ޖަވާބު ލިބެގެންދާނެ ސުވާލުތަކެވެ. ކާމިޔާބު ލިބޭނީ އެމް.ޑީ.ޕީ އަށް ތޯއެވެ ނުވަތަ ޖޭ.ޕީ އާއި ޕީ.ޕީ.އެމް އާއި ކޮންގްރެސް ޕާޓި އާއި އެމް.އާރް.އެމް.އާއި އަދާލަތުންވެސް ބައެއް ގޮނޑި ކާމިޔާބު ކޮށް ސިޔާސީ ތަސައްވަރު ބަދަލު ކޮށްލާނީ ތޯއެވެ. އަދި އެމް.ޑީ.ޕީ އަށް ކައުންސިލް އިންތިހާބްގެ މެޖޯރިޓީ ލިބުނަސް ނަޝީދަށް ވަފާތެރި ކުރީގެ ކައުންސިލަރުންތައް މުލުން ލުހެވިގެން މުޅިން އާ ސިޔާސީ މަންޒަރެއް ކުރެހިގެން ދާނީ ތޯއެވެ؟

އެމްޑީޕީއަކީ މެންބަރުން ވޯޓުލާން ނިކުތުމުގައި ރެކޯޑު އޮތް ޕާޓީ އެވެ. ދިވެހި ރައްޔިތުން ދަންނަ އެމްޑީޕީގެ މެންބަރުންނަކީ ވޯޓުލާން ބުނެކިޔައި ނެރެން ޖެހޭ ބަޔެއް ނޫނެވެ. އެމީހުންނަކީ އަމިއްލަ ޖާނާއި މާލުން ގުރުބާނީ ދީގެން އެމީހުންގެ ކެންޑިޑޭޓަށް ވޯޑު ހޭދަންށާއި ވޯޓު ދޭން ހޭދަކުރާ ބަޔެކެވެ. އެއީ މާޒީގައި ފެންނަން އޮތް މަންޒަރެވެ.

އެކަމަކު އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ އެމް.ޑީ.ޕީ މީހުންގެ ތެރެއިން 64،000 މީހުން ގަސްތުކުރީ ވޯޓުލާން ނުދާށެވެ. އެމީހުންގެ ވޯޓު ރައީސް ނަޝީދަށް މުހިއްމު ކަމަށް އެމީހުން ނުދުށީ ކީއްވެގެން ބާވައެވެ؟ ރައީސް ނަޝީދަށް ނޫނެކޭ ބުނެ ނ. ހެނބަދޫން ވެސް ތާރީހުގައި ފޮޅުވަތެއް ލިޔެފިއެވެ. އެމް.ޑީ.ޕީ ގެ 64،000 މީހުންވެސް ފޮޅުވަތެއް ލިޔެފިއެވެ. އެފޮޅުވަތް މަޒުމޫނަކަށް ބަދަލުވެ، އެމަޒުމޫން ފޮތަކަށް ބަދަލުވާނެތޯ އެއީ މިހާރު އުފެދޭ ބޮޑު ސުވާލެކެވެ. ޖަވާބު ލިބޭނީ އޭޕްރިލް 2020 ގައެވެ!