ކުޑަކުއްޖަކު ބަލިވެ އިން މައްސަލައިގައި ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާތަކުގައި ރަސްމީކޮށް އެދިފައި ވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކުޑަކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބުމާއެކު މިނިސްޓްރީން އެކަމާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު މިހާރު އެމައްސަލައިގައި ތުހުމަތު ކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާތަކުގައި އެދިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފުލުހުން މިއަދު ބުނީ 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
''ވަން އޮންލައިން'' އިން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީން ވަނީ މި މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ބުނެފައެވެ.
ބަލިވެ އިން 13 އަހަރުގެ ކުއްޖާއަކީ އިއްޔެ ވަޅި ހެރުމަށްފަހު ކަނޑަށް އެއްލާލާފައި މީހާއާ ގުޅުން ހުރި ކުއްޖެއް ކަމަށް ސޯޝަލް މީޑިއާގެ އިތުރުން އެކި ނޫސްތަކުގައި ތުހުމަތު ކޮށްފައި ވެއެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.