ކުޅިވަރު

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއާއެކު އިންޑިއާ އަދި ލަންކާ އެއް ގްރޫޕަކަށް

އަންނަ މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގައި ރާއްޖެއާއެކު އިންޑިއާ އަދި ސްރީލަންކާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހައެއްގެ ނިޔަލަށް ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގެ އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލާއި ބޫޓާން އަދި ބަންގުލަދޭޝްއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބާއްވާ ގޭމްސްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ އިންޑިއާއަކީ ފުޓުބޯޅައިގައި ރާއްޖެއާ އެންމެ ވާދަވެރި ޓީމެވެ. ފުޓުބޯޅައިގައި މިވަގުތު ރާއްޖެއަކީ ސާފް ސަރަހައްދުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެވަނަ ދުވަހު ނުކުންނަން ޖެހޭނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ފުޓުބޯޅަ އިވެންޓުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހުއެވެ. އަދި ސެމީގެ މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓު ހާއްސަވަނީ 23 އަހަރުން ދަށުގެ ޓީމުތަކަށެވެ. ނަމަވެސް ކޮންމެ ޓީމަކަށް ވެސް 23 އަހަރުން މަތީގެ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1991ގެ ގޭމްސްއިން ރިހި މެޑަލް ހޯދުމެވެ.