ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމު އެކުލަވާލައި، އެޓީމުގެ ކޯޗަކަށް ބިދޭސީ ކޯޗެއް ހަމަޖައްސައިފިއެވެ.
ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސްރީލަންކާގެ ޕަދްމާ ކަރުނަރަތުނޭއެވެ. ލަންކާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޕަދްމާއަކީ ލަންކާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކޮލަމްބޯ ކްރިކެޓް ކްލަބުގެ އަންހެން ޓީމަށް އިރުޝާދު ދީފައިވާ ކޯޗެކެވެ.
ގައުމީ ކޯޗަކަށް ހަމަޖެއްސި ޕަދްމާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވުމަށް ކްރިކެޑް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އާއި އެ ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގައުމީ އަންހެން ކްރިކެޓް ޓީމު ފުރަތަމަ ކުރިމަތިލާ މުބާރާތަކީ އަންނަ މަހު ނޭޕާލުގައި ބާއްވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްއެވެ. އެ މުބާރާތަށް ދިއުމުގެ ކުރިން ކޯޗަކަށް ހަމަޖެއްސި ޕަދްމާއާއެކު ޓްރެއިނިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ފުރަތަމަ ފަހަރަށް ގައުމީ އަންހެން ކްރިކެޓް ޓީމު އެކުލަވާލާފައި މިވަނީ އަންހެން ކްރިކެޓް ޑެވެލޮޕްމަންޓް ޕްރޮގްރާމު ހިންގަން ފެށިތާ ތިން އަހަރަށްފަހުއެވެ.