(18 ނޮވެމްބަރުގެ އަދަދާ ގުޅޭ)
سُهيل ބެދެމުންދާ އަޑުފުޅަކުން ވިދާޅުވިއެވެ. "ބޭބެ އަވަހަށް މިތަނުން ނުކުމެވަޑައިގެންނެވޭތޯ މަސައްކަތްޕުޅު ކުރައްވާށެވެ. އެހެންނޫނީ ވަރަށް އަވަހަށް ތޫރަޖުގެ މީހުން ހަތަރުފަރާތުން ވަށައިލަފާނެއެވެ. މިހާރު އަޅުގަނޑުމެންނަށް އެންމެ ރައްކާތެރިވާނީ ކޯރުގެ އައްސޭރީގެ ޖަންގައްޔެވެ. އެތަނުން ގަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޮނދިދާނެއެވެ."
حسّان އަހުގައި ހަންމުށި އަޅުއްވައިފިއެވެ. އަސް ވައިރޯޅީގެ ކުރިޔަށް ދުއްވައިގަތެވެ. އިރުކޮޅެއްގެ ތެރޭގައި ޖަންގައްޔަށް ވަދެއްޖެއެވެ. އިރުކޮޅަކުން حسّان އަށް ފާހަގަކުރެއްވުނީ އޭނާގެ އުނަގަނޑުފުޅުން سُهيل ގެ އަތްޕުޅު މަޑުމަޑުން ދޫވަމުންދާކަމެވެ. އޭނާ ވަލުހިނގާމަގުން އެއްފަރާތަށް އަރައިވަޑައިގެން ބޯގަސްތަކެއްގެ ބިއްދޮށަށް އަސް މަޑުކުރައްވައިފިއެވެ. سُهيل ސިހިވަޑައިގެންފައިވާ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ. "ބޭބޭއެވެ. ކީއްވީތޯއެވެ؟ އަސްމަޑުކުރެއްވީ ކީއްވެތޯއެވެ؟"
حسّان ޖަވާބުދެއްވިއެވެ. "سُهيل އެވެ! އެބައިމީހުން އަހަރެމެން ފަހާއެބަ އާދެއެވެ. އެބައިމީހުންގެ ވަރުބަލިނުވާ އަސްތައް އަހަރެމެން މާދުރަކަށް ދިޔަޔަކަ ނުދޭނެއެވެ. މިހިސާބުގަނޑުން އަހަރެމެންނަށް ޙިމާޔަތެއް ލިބޭނެ ތަނަކަށްއޮތީ قبــاد ގެ އަވަށެވެ. އިހަށްރޭ އަހަރެން ހުރީ އޭނާގެ މެހުމާނަކަށެވެ. މިއީ އަހަންނަށް އޭނާ ދެއްވި އަހެކެވެ. قبــاد ކޮއްކޮ ރައްކާތެރި ކުރައްވާނެކަން ޔަޤީނެވެ. ތޫރަޖުގެ މީހުން ކޮއްކޮފަހަތުން ދިޔަކަމުގައިވިޔަސް އޭނާ ކޮންމެވެސް ރައްކާތެރި ތަނަކަށް ކޮއްކޮ ފޮނުއްވާނެއެވެ."
سُهيل ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "ލޯބިވާ ބޭބޭއެވެ! ބޭބެ ތިޔަ ވިދާޅުވަނީ އަޅުގަނޑާއެކު ބޭބެ ވަޑައިނުގަންނަވާނެ ވާހަކަތޯއެވެ؟"
"އާނއެކެވެ. މި ވަރުބަލިވެފައިވާ އަހަށް ދެން އުފުލޭނީ ހަމައެކަނި ކޮއްކޮގެ ބަރެވެ. ކޮއްކޮއަށް ޖަންގަލީގެ ތެރެއިން މަގުއޮޅޭގޮތް ވެއްޖެނަމަ އަހުގެ ލަގަން ދޫކޮށްލާށެވެ. އަސް ކޮއްކޮ قبــاد ގެ ގެއަށް ގެންދާނެއެވެ. އެގޭގެ މީހުން ގާތު ކޮއްކޮ ބުނަންޖެހޭނެހައިވެސް ވާހަކައަކީ ތިޔައީ އަހަރެންގެ ކޮއްކޮކަމެވެ. އަހަރެންގެ ތުރުކަސް ފުރެންދެން ދުނި އެބަހުއްޓެވެ. އަހަރެން ރޭގަނޑު ހަތަރުދަމު ތޫރަޖުގެ މީހުން މިޖަންގަލީގައި ހިފަހައްޓާނަމެވެ. އެއިން މީހެއްގެ އަތުން ވަރުބަލިނުވެއޮތް އަހެއް އަތުލައިގަނެވިއްޖެނަމަ މާލަހެއްނުވެ ކޮއްކޮ ގާތަށް ދާނަމެވެ."
حسّان މިހެން ވިދާޅުވެފައި އަސްމަތީން ފައިބައިވަޑައިގަންނަވަން އުޅުއްވުމުން سُهيل އޭނާގެ ގައިކޮޅުގައި އޮޅުލައިވަޑައިގެން ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. "ނޫނެކެވެ. ބޭބޭއެވެ. އަޅުގަނޑު ބޭބެއަކާ ވަތްކެއް ނުވާނަމެވެ. ބޭބެއާވަކިން ދިރިހުރުމަށްވުރެ ބޮޑަށް އަޅުގަނޑު ތަރުހީބުދެނީ ބޭބެއާއެކު މަރުވުމަށެވެ."
حسّان ވިދާޅުވިއެވެ. "سُهيل އެވެ! އެބައިމީހުން އެބައާދެއެވެ. އަހަންނަށް އެބައިމީހުންގެ އަސްތަކުގެ ފިޔަވަޅުގެ އަޑު އެބައިވެއެވެ. "ނަމަވެސް سُهيل ގިސްލައްވަމުން ވިދާޅުވިއެވެ. "ލޯބިވާ ބޭބޭއެވެ! ބޭބެ އަޅުގަނޑު މިތަނަށް ދޫކޮށްލައްވާށެވެ. ބޭބެގެ ތުރުކަހާއި ދުނިދަނޑި އަޅުގަނޑަށް ދެއްވާށެވެ. އަޅުގަނޑު އެމީހުން ބޭބެ ފަހަތްޕުޅުން ދިޔަޔަކަ ނުދޭނަމެވެ. އެބައިމީހުން އަޅުގަނޑު ހައްޔަރުކުރިކަމުގައި ވިޔަސް ބޭބެ ދުނިޔޭގައި ހުންނެވިކަމާއި ކޮންމެވެސް ދުވަހަކުން އަޅުގަނޑު ސަލާމަތްކުރައްވާނެކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް ލިބޭނެއެވެ. ނަމަވެސް އެބައިމީހުންނަށް ބޭބެ އަތުލައިގަނެވިއްޖެނަމަ އިރުކޮޅަކުވެސް ދުނިޔެއަކު ނުބަހައްޓާނެއެވެ. ބޭބެއެވެ! ބޭބެވަނީ ތޫރަޖު ޤަތުލުކުރައްވައިފައެވެ. ތޫރަޖަކީ ހުރުމުޒުގެ ތިމާގެ ބޭފުޅެކެވެ. ބޭބެއަށް ރަނގަޅުފުޅުވާނީ މިސަރަޙައްދާ ވީހައިވެސް ދުރަކަށް ވަޑައިގެންނެވުމެވެ."
حسّان ކަންބޮޑުވެވަޑައިގެން ދެއަތްޕުޅު އެލުވައިލައްވައިފައި އަސްމަތިން ފުންމައިލައްވައިފިއެވެ. އަހުގެ ލަގަން سُهيل ގެ އަތްޕުޅަށް ދެއްވަން މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "سُهيل އެވެ! ބޭބެގެ ބަސްއަހާށެވެ. ވަގުތު ނަގައިނުލާށެވެ." ނަމަވެސް سُهيل ވެސް އަސްމަތީން ފުންމައިލައްވައިފިއެވެ. އޭނާ ވަރުބަލިފުޅުވެގެން ބިންމަތީގައި އިށީނދެވަޑައިގެން ވިދާޅުވިއެވެ. "ބޭބޭއެވެ. ބޭބެގެ އެހީއާނުލައެއް އަޅުގަނޑަކަށް ނުދެވޭނެއެވެ. އަޅުގަނޑުވަނީ ޒަޚަމްވެފައެވެ. އަޅުގަނޑުގެ ބޯއަނބުރަނީއެވެ!" حسّان ލޯބިފުޅުން سُهيل ގެ އިސްތަށިފުޅުގައި ފިރުންމަވައިލައްވައިފައި ވިދާޅުވިއެވެ. "ކޮއްކޮގެ ޒަޚަމުން އަދިވެސް ލޭއެބައާދެއެވެ. މަޑުކުރާށެވެ. ބޭބެ ޒަޚަމް ބަނދެލަދޭނަމެވެ."
سُهيل އަވަސްއަވަހަށް حسّان ގެ އަތްޕުޅުގައި ހިއްޕަވައިފައި އޭނާގެ ފުއްކަނދުރާފުޅާ ދިމާޔަށް ގެންދަވައިފިއެވެ. حسّان ގެ ހިތްޕުޅަށްހީވީ އެއްޗެއް ހަރައިލިހެންނެވެ. އިރުކޮޅަކަށް އޭނާގެ ވާހަކަދެއްކުމުގެ ބާރު އޭނާއާ ވަކިވިއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "سُهيل އެވެ. މިދުނި ކޮއްކޮގެ ގަޔަށް ހެރުނީ ކޮންއިރަކުހެއްޔެވެ. ކޮއްކޮ ކުރީން އެވާހަކަ ނުބުނީ ކީއްވެހެއްޔެވެ؟" سُهيل ޖަވާބު ދެއްވުމުގެ ބަދަލުގައި އިސްދަށަށް ޖައްސަވައިލެއްވިއެވެ. حسّان އޭނާގެ ގުބާކޮޅު ވީއްދަވައިގެން ފޮތި އަރިޔެއް ނެންގެވުމަށްފަހު އިނގިލިފުޅުން ޒަޚަމުގެ ބޮޑުމިން ބެއްލެވިއެވެ. ދުނީގެ ތިލައިން ޒަޚަމުގެ ފުންމިން އަންދާޒާ ކުރެއްވުމަށްފަހު ހިސާބެއްގެ ހިތްޕުޅު ހަމަޖެހިވަޑައިގަތުމަކާއެކު އެއްއަތްޕުޅުން سُهيل ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފައި އަނެއް އަތްޕުޅުން ދުނި ލުއްސައިލައްވައި އެއްފަރާތަކަށް އެއްލައިލެއްވިއެވެ. ތުއްޕުޅު سُهيل ގެ އަނގަފުޅުން މަޑުމަޑު އަޑުފުޅެއް ނުކުތެވެ. حسّان سُهيل ގެ ޒަޚަމުގައި ބޭސްއަޅުއްވައިފައި ބަންނަވަމުން ގެންދަވަނިކޮށް އަސްތަކުގެ ފިޔަވަޅުގެ އަޑާއި އަސްވާރުންގެ ހަޅޭކުގެ އަޑު ސާފުކޮށް އިވިވަޑައިގަންނަވަން ފަށައިފިއެވެ. حسّان سُهيل ގެ ކަނދުރާފުޅުގައިހުރި ޒަޚަމުގައި ބޭސްއަޅުއްވައި ބަންނަވައި ނިމިވަޑައިގެން އިސްތަށިފުޅުގައި ފެޅިފައި ހުރިތަން ބަންނަވަނިކޮށް އަސްވާރުން އެހިސާބު ފަސްދީ ހިނގައްޖެއެވެ. އެހައިތަނުން حسّان އަށް ފުރަތަމަ ފަހަރަށް އޭނާގެ ޒަޚަމުގެ މަތިންވެސް ހަނދުމަފުޅުވެއްޖެއެވެ. އޭނާ ހެދުންކޮޅުން އަނެއްކާވެސް ފޮތިވަރެއް ނަންގަވައިފައި އޭނާގެ ފައިންޕުޅުގައިހުރި ޒަޚަމުގައި އައްސައިލެއްވިއެވެ. އެއަށްފަހު ވަށައިގެން ހޯއްދަވައިލައްވައިފައި سُهيل ބިންމަތިން ނަންގަވައި އަސްމަތީގައި ބެއިންދެވިއެވެ. "سُهيل އެވެ! އަހަރެން سُهيل އާއެކު ދާނަމެވެ. ނަމަވެސް ޝަރުޠަކީ ދުޝްމިނުން އަހަރެމެން ވަށައިލައިފިނަމަ ބޭބެ ގާތުގައި ހުންނާން ނުއުޅުމެވެ."
"ނަމަވެސް ބޭބޭއެވެ! ބޭބެވެސް ތިޔަހުންނެވީ ޒަޚަމްވެވަޑައިގެންފައެވެ."
"އަހަރެންގެ ޒަޚަމަކީ ކޫރުމަކަށްވުރެ ބޮޑު ޒަޚަމެއް ނޫނެވެ. "حسّان މިހެން ވިދާޅުވެފައި އަހުގެ ލަގަނުގައި ހިއްޕަވައިފިއެވެ. މިހާރު އެބޭފުޅުން ހަމަޖެހިވަޑައިގަތުމާއެކު ޖަންގަލި ހުރަސްކުރައްވަނީއެވެ. ކޯރާވީ ދިމާއިން قبــاد ގެ މީހުންގެ އަޑުއިވެމުންދެއެވެ. حسّان އާއި سُهيل އާ ދެބޭފުޅުން އަތުލައިގަނެވޭތޯ މަސައްކަތްކުރާ މީހުން އިރުކޮޅަކުން ކޯރުގެ އައްސޭރި ދޫކޮށްލައިފައި ޖަންގައްޔަށް ވަދެއްޖެކަން حسّان އަށް އެނގިވަޑައިގެންފިއެވެ. ބޯކޮށް ހެދިފައިހުރި ގަސްތަކެއްގެ ތެރޭގައި އެބޭފުޅުން މަޑުކޮށްލައްވައިފިއެވެ. سُهيل މަޑުމަޑުން ވިދާޅުވިއެވެ. "އެބައިމީހުން މިދިމާޔަށް އެބައާދެއެވެ."
"ބޭބެއަށް އެނގެއެވެ. ކޮއްކޮ ހިމޭނުން ހުންނާށެވެ!" މިހެން ވިދާޅުވެފައި حسّان އަހުގެ ލަގަން سُهيل ގެ މުށުތެރެއަށް ލައްވައިދެއްވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ގަސްތަކުގެ ބިއްދޮށުން އަސްވާރުންގެ އަޑު އިވޭން ފަށައިފިއެވެ. އަސްވާރަކު އޭނާގެ އެކުވެރީންގެ ގާތު ބުނަމުން ގެންދިޔައެވެ. "އަޚާއެވެ. އަވަހަށް އެނބުރިދަމާ ހިނގާށެވެ. އޭނާ މިދިމާއަށް ނާންނަނީކަން އަހަންނަށް ޔަޤީނެވެ. އަނެއްކާ ތޫރަޖުގެ ގޭގެ ކުރިމަތީގައި އޭނާ ޤަތުލުކޮށްލަން ކެރުނު މީހަކީ އާދައިގެ މީހަކަށެއް ނުވާނެއެވެ."
ދެވަނަ މީހާ ބުންޏެވެ. "އަޚާއެވެ. އޭނާ މިޖަންގަލީގައި ފިލައިހުރި ކަމުގައިވާނަމަ އަހަރެމެން ދުޢާކުރަންވީ ކުއްލިޔަކަށް އަހަރެމެން އޭނާގެ ދުނިތަކުގެ އަމާޒަކަށް ނުވޭތޯއެވެ. ރޭގަނޑަކު މިކަހަލަ ތަނަކުން ތިންހަތަރު މީހުން މަރުވުމުގެ ކުރިޔަކު އޭނާ އަތުލައެއް ނުގަނެވޭނެއެވެ."
"އެކަމަކު އެއީ ކާކުބާވައެވެ." ތިންވަނަ މީހާ ބުންޏެވެ. އެއީ އެހެންޏާ ކޮންމެވެސް ރަސްދަރިކަލެކެވެ. ނުވަތަ ކޮންމެވެސް މަތީ ޢާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ސިފައާއި ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުން ހީވަނީ ދައުލަތުގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ހެންނެވެ."
އަދިވެސް އެހެން އަޑެއް އިވިއްޖެއެވެ. "އެއީ ކާކުކަން އަހަރުމެންނަށް އެނގޭނެނަމައެވެ. ތޫރަޖު އަވަހާރަވީއެވެ. އަހަރެމެން މުޞީބަތެއްގައި ހައްޔަރުވީއެވެ. އަހަރެމެންނަށް އޭނާ ހައްޔަރު ނުކުރެވިއްޖެނަމަ ހުރުމުޒު އަހަރެމެން އިދިފުށަށް ހަންދަންމަވައިލައްވާނެއެވެ. އަނެއްކޮޅުން އޭނާއާ އަހަރެމެންނާ ދެމެދު ހަނގުރާމައެއް ހިނގައި އޭނާ މަރުވާފަހުން އެއީ ކޮންމެވެސް މަތީ ޢާއިލާއެއްގެ ބޭފުޅެއްކަން އެނގިއްޖެނަމަ ހުރުމުޒުގެ ސިފައިން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރީން މަރައި ސުންނާފަތި ކުރާނެއެވެ."
އެހެން މީހަކު ވާހަކަދެއްކިއެވެ. "އަހަންނަށް ޔަޤީނެވެ. އެވާނީ قبــاد ގެ ތިމާގެފުޅު ބޭފުޅަކަށެވެ. ނުވަތަ އޭނާގެ ރަޙުމަތްތެރިޔަކަށެވެ. ތޫރަޖު قبــاد އާމެދު ކަންތައް ކުރެއްވިގޮތުން މިކަހަލަ ނަތީޖާއެއް ނުކުތުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް އޭނާ ޢަރަބި ކުއްޖަކާމެދު ޝައުޤުވެރިވެވަޑައިގެންނެވި ސަބަބެއް އަހަރެންގެ ވިސްނުމަކަށްނައެވެ."
ދެވަނަޔަށް ވާހަކަދެއްކި މީހާ ޖަވާބުދިނެވެ. އޭނާއަށް ތޫރަޖު ޤަތުލުކުރުމަށްޓަކައި ބޭނުންވެފައިހުރީ ކޮންމެވެސް ބަހަނާއެކެވެ. އެވާނީ قبــاد ނުވަތަ އޭނާގެ ދަރިކަލުން އީރާނުގެ ދަރުބާރުގައި ޝަކުވާކުރެއްވީ ކަމަށެވެ. އެތަނުން ކޮންމެވެސް ބޮޑުމީހަކު ތަޙުޤީޤުކުރަން ފޮނުވީކަމަށެވެ. ކަލޭ ނުދެނެހުރީމުހެއްޔެވެ. قبــاد ގެ ދޮށީ ދަރިކަލުން ފަދައިން سُهيل ގެ ބޭބެވެސް ހުންނެވީ އީރާނުގެ ސިފައިންގެ ތެރޭގައެވެ. ހަނގުރާމައަށްފަހު އެދެބޭފުޅުން އެނބުރި ވަޑައެއް ނުގަންނަވައެވެ."
"އަހަރެން ތިޔަކަން ދެނެހުރީމެވެ. އަރްމިޔާހުގެ ހަނގުރާމައިގައި އެބޭފުޅުން އަވަހާރަވީކަމަށްވެސް ބުނާތީ އަހަމެވެ. ޔަޤީނެވެ. قبــاد ޝަހެންޝާހުގެ އަރިހުގައި ޝަކުވާކުރައްވާނީއެވެ. ތޫރަޖު އީރާނުގެ ވަފާތެރި ސިފައިންގެ އޮފިސަރެއްގެ ޢާއިލާއަށް އަނިޔާކުރެއްވިކަމުގެ ޝަކުވާ ކުރައްވާނީއެވެ. ތޫރަޖަށްފަހު ހުރުމުޒަށްވެސް މިބާވަތުގެ ކަމެއް ލައިގެންފާނެތީ އަހަރެން ބިރުގަނެއެވެ. އަހަރެންގެ ލަފަޔަކީ އަހަރެމެން އަވަހަށް މިތަނުން ނުކުމެގެން ކޯރުގެ އައްސޭރިޔަށް ދިއުމެވެ. މިރޭގެ ދެންއޮތްބައި އެތާނގައި ހޭދަކޮށްލާނީއެވެ. ހުރުމުޒު ސުވާލު ކުރައްވައިފިނަމަ ދަންނަވާނީ އަހަރެމެން ޖަންގަލީގެ އެކިއަކައިންޗި ވަކިވަކީން ބެލިކަމުގައެވެ. އަހަރެމެންގެ އެހެން އެކުވެރީން ދިޔަދިމާއެއްވެސް ނޭނގުނެވެ."
ދެވަނަ މީހާ ޖަވާބުދިނެވެ. "ކަލޭ އަވަހަށް ނުކުމެވޭތޯ ބަލާށެވެ. އެބައިމީހުންނާމެދު ޚިޔާލުނުކުރާށެވެ. އެއިން އެކަކަށްވެސް ރޭގަނޑުގެ މިފަދަ ވަގުތެއްގައި މިޖަންގަލީގައި ފައިޖައްސައިލާކަށެއްވެސް ނުކެރޭނެއެވެ."
އިރުކޮޅެއްގެފަހުން އެބައިމީހުން އެނބުރި ހިނގައްޖެއެވެ. حسّان ހަމަޖެހިވަޑައިގަތުމުގެ މާނޭވާފުޅެއް ލެއްވިއެވެ. އޭނާ سُهيل ގެ އަތްޕުޅުން އަހުގެ ލަގަން އަތުލައްވައިގެން ހިންގަވައިގެންނެވިއެވެ. سُهيل ހުންނެވީ އިސްދަށަށް ޖެއްސެވިފައެވެ. އޭނާ އިރުކޮޅަކުން ކުކުރާވަޑައިގަންނަވަން ފައްޓަވައިފިއެވެ. حسّان ފަސްއެނބުރި ވަޑައިގެން ބައްލަވައިލެއްވިއެވެ. سُهيل ހީވަނީ އަސްމަތިން އަރިއަޅައިލައިގެން ވެއްޓިވަޑައިގެންފާނެ ހެންނެވެ. حسّان އޭނާގެ މުލައްދަނޑިފުޅުގައި ހިއްޕަވައި ހަށިކޮޅު ތެދުކޮށްލެއްވުމުން އިރުކޮޅަކު ހަށިކޮޅު ހިފަހައްޓަވައިގެން އިންނެވިއެވެ. ނަމަވެސް އިރުކޮޅެއްގެ ފަހުން ކަނދުރާފުޅުން ވާގިދޫކޮށްލައްވައިފިއެވެ. حسّان އަސް މަޑުކުރައްވައިފައި سُهيل ގެ ފަހަތްޕުޅުން އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.
(ނުނިމޭ)