މޯނީ ރޯއީ ބޮލީވުޑަށް ނުކުތީ އަކްޝޭ ކުމާރު އާއެކު ފިލްމު "ގޯލްޑް" އިންނެވެ. އޭގެ ފަހުން ރާޖްކުމާރު ރާއޯ އާއެކު ފިލްމު "މޭޑް އިން ޗައިނާ" އިން މޯނީ ފެނިގެންދިޔައެވެ.
މީގެ އިތުރުން ކުރިއަށް ނުކުންނަން އޮތް ފިލްމު "ބްރާމަސްތުރާ" އިން ވެސް މޯނީ ފެނިގެންދާ އިރު، އޭނާ ވަނީ އަމީތާބް ބައްޗަން އާއި އިމްރާން ހާޝްމީގެ ފިލްމު "ޗެހްރޭ" ކުޅުމަށްވެސް އެއްބަސްވެފައެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ފިލްމު "ޗެހްރޭ" އިން ޖާގަ ހޯދުމަށް މޯނީ ވަނީ ފިލްމުގެ ޕްރޮޑިއުސަރުގެ ފަހަތުންވެސް ދުވެފައެވެ. ނަމަވެސް މިހާރު މިއޮތީ މޯނީގެ ބިޒީ ޝެޑިއުލާ ހެދި ފިލްމުން އޭނާ ވަކިވި ވާހަކަ އަޑުއަރާފައެެވެ.
މޯނީގެ ގާތް ފަރާތެއް މީޑިއާއަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި އޭނާ ވަނީ ގިނަ ޕްރޮޖެކްޓްތަކެއް ނަގާފައިވާތީ ހުރިހާ ވަގުތެއް ފުރިފައެވެ. އެގޮތުން ފިލްމު "ބްރާމަސްތުރާ" އަށް ފަހުވެސް ގިނަ ކަންތައްތަކަކަށް މޯނީ ވަނީ ކޮމިޓްވެފައި ކަމަށް އޭނާ ބުންޏެވެ. "ޗެހްރޭ" ފިލްމު އުފައްދާ ފަރާތުން މޯނީއަށް ދީފައިވާ ބައި ކުޅުމަށް އެދުނު ކަމުގައިވިޔަސް މިހާރު އޭނާގެ ވަގުތު ތަން ނުދޭތީ އެއްވެސް ގޮތަކަށް ކުޅެވޭގޮތް ނުވާކަމަށް ވެއެވެ.
އަމީތާބާއި އިމްރާން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޗެހްރޭ" އަކީ މިސްޓްރީ ތްރިލާއެކެވެ. ފިލްމު ރިލީސްކުރަނީ އަންނަ އަހަރު އޭޕްރިލް 24ގައެވެ.