ރިޕޯޓް

ކަނޑަށް އެއްލާލީ މަރުވި ކަމަށް ހީކޮށް، ވަޅި ހެރީ ދީނީ ބަހުސެއްގައި ހިޔާލު ތަފާތު ވެގެން

މުހައްމަދު ސިމާއު

10

އިއްޔެރޭ ފަތިހު މުޅި މާޅޮސް ސިއްސުވާލީ އެރަށުގެ މަގުމަތިން ޒަހަމްތަކަކާ އެކު ފެނުނު ބީރައްޓެސެއްގެ ހަބަރާ އެކު އެވެ. އޭނާ އޮތީ ބޮޑެތި ޒަހަމްތަކަކާއެކު ލެއިން ތަތްތެޅިފައެވެ. ވީނުވީއެއް ރަށުގެ އެއްވެސް މީހަކަށް އެއިރަކު ނޭނގެއެވެ. މާޅޮހު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް ކަމުން އޭނާ ގެނައީ މާލެއެވެ. މިހާރު ވެސް އޮތީ އައިސީޔޫގަ އެވެ.

މިކަމުގެ ތަފުސީލީ މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެވެ. ތަހުގީގު ކުރަމުންދާތީއެވެ.

"ވަން" އަށް އެއްކުރެވިފައިވާ މައުލޫމާތުން، އިއްޔެގެ ހާދިސާގައި ޒަހަމްތަކާއެކު ފެނިފައިވަނީ ރ. މަޑުއްވަރީ/ ފެހިއަލި، އިސްމާއިލް ހައްމާދު، 26އ. ކަން ވަނީ ކަށަވަރު ވެފައެވެ. ލަނޑާ ނަގަން ނުކުމެ އުޅެނިކޮށް އެރޭ 2:00 އެހާކަންހާއިރު ހިނގި މާރާމާރީއެއްގައި ވަޅި ޖަހައި ޒަހަމްކޮށްލުމަށްފަހު އޭނާ ކަނޑަށް އެއްލައިލީ، ދީނީ ބަހުސެއްގައި ހިޔާލު ތަފާތުވެގެންކަން ވެސް ވަނީ އެނގިފައެވެ.

ދީނީ “ހަރުކަށި” މީހެއް، ހަމަލާދިނީ ކުށުގެ ރެކޯޑު އޮންނަ މީހެއް!

"ވަން" އަށް މައުލޫމާތު ދިން އިތުބާރު ކުރެވޭ މަސްދަރަކުން ބުނި ގޮތުގައި ހައްމާދާއެކު އިއްޔެރޭ ލަނޑާ ނަގަން ނުކުތީ އޭނާއާ އެކު ހަތަރު މީހެކެވެ. އޭގެ ތެރޭގައި ހައްމާދުވެސް ނިސްބަތްވާ ރ. މަޑުއްވަރީ ދެ މީހުންނާއި މާޅޮހު މީހަކާ އިނދެގެން އުޅޭ ފިރިހެނެއް ހިމެނޭއިރު، ކުށުގެ ރެކޯޑް އޮންނަ މީހަކުވެސް ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި، މަޑުއްވަރީއަށް ނިސްބަތްވާ ދޯންޏެއްގައި އެމީހުން ފުރީ މާލެއިންނެވެ. ދޯނި ތެރޭގައި ހަރުކަށި ފިކުރާ ގުޅިގެން ކުރި މަޝްވަރާތަކުގެ ތެރެއިން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ހަމަލާދީ ކަނޑަށް އެއްލާލިއެވެ. ކަނޑަށް އެއްލައިލީ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ އިރު، އޭނާ ސަލާމަތް ވާންވެގެން ކަނޑަށް ފުންމާލީ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

މަޑުއްވަރީން ވާހަކަ ދެއްކި މީހުން ބުނާގޮތުން ހައްމާދު ގަޔަށް ވަޅި ހެރީ އެފަދަ އަމަލުތައް މީގެ ކުރިން ވެސް ހިންގާފައިވާ، ކުށުގެ ރެކޯޑް އޮންނަ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްމާދުގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. ނަމަވެސް ދެމީހުންގެ ދެމެދު މާރާމާރީ ހިންގަން މެދުވެރިވާން ދިމާވި ދީނީ ވާހަކައަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ.

ހައްމާދަކީ މާޗް 19، 2012 ގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާ ދިމާއަށް ގާ އުކުމުގެ ކުށުގައި އޮކްޓޯބަރު 2012ގައި ހަތް އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ.

މަޑުއްވަރީ ކައުންސިލާއި އެރަށުގެ ބައެއް މީހުން ވެސް ބުނާ ގޮތުގައި، ހައްމާދަކީ ދީނީ ހަރުކަށި ފިކުރުތައް ގަބޫލުކުރާ އެފަދަ ބައެއް ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ. އެގޮތުން މަގުމަތީގައި ހުންނަ އެއްޗިއްސަކީ ޣަނީމާ މުދާ ކަމަށާއި އޮފީސްތަކުގެ ތިޖޫރީގައި ހުންނަ ފައިސާއަކީ ވެސް އެމީހުންނަށް ހައްގު އެއްޗެހިކަމަށް އޭނާ ގަބޫލުކުރާ ކަމަށް "ވަން" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނެއެވެ. އެގޮތުން ޅ. ނައިފަރުގައި ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށް ކައުންސިލުން ވާހަކަ ދެއްކި މީހާ ޔަގީން ކޮށްދިނެވެ.

ކަނޑަށް އެއްލާލީ މަރުވި ކަމަށް ބަލާފައި، ފަހުން ހޯދަން ވެސް ދިޔަ

ފުލުހުން މީޑިއާތަކަށް ކަށަވަރު ކޮށްދިން ގޮތުގައި ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލުމަށްފަހު ހައްމާދު ކަނޑަށް އެއްލާލީއެވެ. އަދި އޭނާ މާޅޮހަށް އެރީ ފަތާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަން މަޑުއްވަރީ އަދި މާޅޮހު މީހުންގެ ވާހަކަތަކުން ވެސް ކަށަވަރު ވެއެވެ.

މަޑުއްވަރީން "ވަން"އާ ވާހަކަ ދެއްކި މީހުން ބުނާގޮތުން، ހައްމާދު ގައިގައިގެ އެކި ތަންތަނަށް ވަޅި ޖެހުމަށްފަހު ކަނޑަށް އެއްލާލީ މަރުވީ ކަމަށް ނިންމައިގެންނެވެ. އޭރު ދޯނި އޮތީ މާޅޮހު ބޭރުގައެވެ. ނަމަވެސް ދޯނީގައި ތިބި މީހުން ލައިޓް އަޅުވައިގެން ބެލި ބެލުމުން ހައްމާދު ފަތާފައި މާޅޮހަށް އެރިކަން އެނގުނެވެ. އެހެންވެ ވަގުތުން މާޅޮހު ފަޅަށް ދޯނި ވައްދައި އޭނާ ހޯދަން ދޯނީގައި ތިބި މީހުން އެެރަށަށް އެރީ ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެއެވެ.

ނަމަވެސް އޭރު ހައްމާދު އޮތީ އެރަށު ސިއްހީ މަރުކަޒުގަ އެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ، އެހީއަށް އެދި ގޮވަމުން ދަނިކޮށް ފެނުނު އެރަށު ދެ މީހަކު ވެގެންނެވެ.

ހައްމާދު ހުރި ދޯނީގެ މީހުން މާޅޮހަށް އަރައި، އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް އެރަށުގެ ބައެއް މީހުން ޔަގީންކޮށްދެއެވެ. ދޯނީގެ ފަޅުވެރިޔަކު ގެއްލިގެން ހޯދަނީ ކަމަށް ވެސް ބައެއް މީހުން ކައިރީ އެމީހުން ބުނެފައިވެ އެވެ.

އިތުރު މައުލޫމާތު ދިނުމަށް މާޅޮހު ކައުންސިލުން ޖެހިލުންވުމުން ހައްމާދު މާޅޮހަށް އެރީ ކޮން ސަރަހައްދަކުން އަދި އޭނާ ފަތާފައި އެރީ ކިހާ ދުރުމިނަކުން ކަމެއް ލަފާކުރާކަށް ނޭނގެއެވެ.

ދީނީ ހަރުކަށި ފިކުރުގެ ތެރެއިން ހިނގާ ބިރުވެރި ހާދިސާތައް ރާއްޖޭގައިވެސް އިތުރުވަމުންދާ އިރު މިކަމާ މެދު ވަރުގަދަ ފިޔަވަޅުތަކެއް އަޅާން ޖެހިފައިވާ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރުގަދަ ފިޔަވަޅުތަކެއް އެޅޭތަނެއް ނުފެނެ އެވެ. ދޭތެރެދޭތެރެއިން މި ފެންނަނީ އެފަދަ ފިކުރުތަކުގެ ތެރެއިން ކަމަށް ބުނެ އަނިޔާވެރި އަމަލުތައް ހިންގާތަނެވެ. ގައުމު ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދާ ތަނެވެ.