ބޮލީވުޑް

ދަރިން މޭކަޕް ކުރާތީ މިތަރިނަށް ފާޑުކިޔުން

ތަރިންނަކީ އަބަދުވެސް އެކި ގޮތްގޮތުން ސްޕޮޓްލައިޓްގައި ތިބޭ ބަޔެކެވެ.

ފަހަކަށް އައިސް މީސް މީޑިއާގައި ޓްރޮލްސް އާއި މީމްސް ގިނަވެގެން ގޮސްފައިވާއިރު ކޮންމެ ކަމަކަށް މިހާރު ފާޑުކިޔުން އަމާޒު ކުރަނީ މިގޮތަށް ހަދާ މީމްސް އަދި ޓްރޮލްސް ތަކުންނެވެ. އެއީ އެބަޔަކު ލާ ހެދުމެއް ކަމަށް ވިޔަސް ނުވަތަ ކުރާ މަސައްކަތް ކަމަށް ވިޔަސް އާއިލާއާ ގުޅުވައިގެން ކަމަށް ވިޔަސްމެ އެވެ.

ޓްރޮލްގައި އެންމެ ފަހުން ފާހަގަ ވެފައިވާ މޫވްމަންޓެއްގެ ގޮތުގައި އަންހެން ދަރިން މޭކަޕް ކުރާތީ ބައެއް ތަރިންނަށް ވަނީ ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ކިމް ކާޑިޝިއަން އާއި އައިޝްވަރިޔާ ރާއީ އަދި ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތުވެސް ހިމެނެއެވެ.

ކިމް އަކީ އާންމު ގޮތެއްގައި ވެސް ފާޑުކިޔުން އަމާޒުވެގެންދާ އެއް ތަރިއެވެ. ފަށާފައިވާ މޭކަޕް އަދި ބިއުޓީ ބިޒްނަސްގެ ސަބަބުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކިމް އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ނޯތު ވެސްޓް މޭކަޕް ކުރާތީ އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައެވެ. ކިމް އާންމު ގޮތެއްގައި ދަރިފުޅު ނޯތު އަމިއްލަ އަށް މޭކަޕް ކުރާ ފޮޓޯ އާއި ވީޑިއޯ މީސް މީޑިއާގައި ހިއްސާކުރާއިރު އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެގެން ދިޔައީ ނޯތުގެ އިސްތަށިގަނޑު ސްޓްރެއިޓްނަރުން ފަން ކުރާ ވީޑިއޯއަކަށާއި ރަތް ކުލައިގެ ލިޕްސްޓިކެއް އެކުއްޖާ ހާކާ މަންޒަރު ފެންނަ ވީޑިއޯއަކަށެެވެ. މިގޮތަށް އަންނަ ފާޑު ކިޔުންތަކަށް ކިމް ދެނީ ބީރު ކަންފަތެކެވެ. 

ބޮލީވުޑް ބަތަލާ އައިޝްވަރިޔާވެސް މިވަނީ މަންމައިންނަށް ކުރާ މި ޓްރޮލްގައި ޖެހިފައެވެ. އެގޮތުން އޭނާގެ ދަރިފުޅު އަރާދްޔާގެ އަށް އަހަރުގެ އުފަންދުވަހު އައިލައިނާ އަދި ލިޕްސްޓިކް ހާކާފައިވާތީ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ކުޑަ ކުއްޖަކު މޭކަޕް ކުރުމުގެ ބޭނުމެއް ނެތެވެ.

ބަތަލު ޝާހިދުގެ އަންހެނުންވެސް ވަނީ މިނުރުހުމާ ކުރިމަތިލާންޖެހިފައެވެ. އޭނާގެ އަންހެން ދަރިފުޅުގެ އިސްތަށިގަނޑުގައި ކުލަޖެއްސުމުން އެކަމާ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މީރާގެ ދަރިފުޅުގެ އިސްތަށިގަނޑުގައި ޖައްސާފައިވަނީ ވަގުތީ ކުލައަކަށްވިޔަސް ޓްރޮލްސް ހަދާ މީހުނަށް އެކަން ހަޖަމެއް ނުވިއެވެ. މިގޮތަށް ފާޑުކިޔުން އަމާޒުވުމުން މީރާ ވަނީ ދަރިފުޅުގެ "ބިފޯ އެންޑް އާފްޓާ" ފޮޓޯއެއް ހިއްސާކޮށް އެއީ ވަގުތީ ކަމެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ އަކީ ކޫލް މަންމައެއް ކަމަށްވެސް މީރާ ވަނީ ބުނެފައެވެ.

އިވެންޓެއްގައި މީރާ ވަނީ މީސް މީޑިއާގައި އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަަކަށް ރައްދުދީފައެވެ. އެގޮތުން އޭނާ ބުނީ ކުޑަ ކުދިން ނުވަތަ ދަރިން ވިޔަސް ކްރިއޭޓިވް ވުމަށް އެކުދިންނަށް ފުރުސަތު ހުޅުވިފައި އޮންނަން ޖެހޭނެއެވެ.