އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައިފިއެވެ.
މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޗައިނާގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި އިބޫގެ އިތުރުން ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) ވެސް ވާދަކުރިއެވެ.
ފައިނަލުގައި ވާދަކޮށްފައިވަނީ ހަތަރު ސާފަރުންނެވެ. އިބޫ އާއި ސްމައިލީގެ އިތުރުން ފައިނަލުގައި ދެން ވާދަކޮށްފައިވަނީ ޖަޕާނުގެ ދެ ސާފަރުންނެވެ. ފައިނަލުގައި ވާދަކޮށް އިބޫ ލޯ މެޑަލް ހޯދި އިރު، ސްމައިލީ ވަނީ ހަތަރުވަނަ ހޯދައިފައެވެ.
އެ މުބާރާތުގެ ސެމީ ފައިނަލުގައި އިބޫ ވަނީ ފަހު ހީޓުގައި ވާދަކޮށް ދެވަނަ ހޯދައިފައެވެ. އަދި ސްމައިލީ ވެސް ވަނީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދައިފައެވެ. ސެމީގައި އިބޫ ވާދަކުރީ ޗައިނާ އާއި ޖަޕާން އަދި ސްރީލަންކާގެ ސާފަރުންނާއެވެ. އަދި ސްމައިލީ ވާދަކުރި ހީޓުގައި ވެސް ހިމެނުނީ އެ ތިން ގައުމުގެ ސާފަރުންނެވެ.
އެ މުބާރާތުގައި ރާއްޖެއިން ވާދަކުރީ ތިން ސާފަރުންނެވެ. އިބޫ އާއި ސްމައިލީގެ އިތުރުން ދެން ވާދަކޮށްފައިވަނީ އަހްމަދު އާގިލް (އައްމަޑޭ) އެވެ.