ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ތައާރަފުކުރައްވާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހަރުދަނާ އުސޫލެއް ނެތް ކަމަށް ޓްރާންސިޝަން ކޮމިޓީއިން ބުނެފި އެވެ.
ޓްރާންސިޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށްދާ ހިޔާ ޕްރޮޖެކްޓްގެ ދަށުން އެމްޕީއެލް އިން 500 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ.
"އޭގެތެރެއިން 100 މިލިއަން ރުުފިޔާ އެބަވޭ ލޯކަލް ކުންފުންޏަކާ ވެސް ހަވާލުކޮށްފައި އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް" އިލްޔާސް ވިދާޅުވިއެވެ.
މަސައްކަތް ކުރިއަށް ދާން ޖެހޭ ވަރަށް ނުދަނީސް އެމްޕީއެލްގެ ބޯޑުން ވަނީ އިތުރު 100 މިލިއަން ރުފިޔާ ދޫކުރަން މަސައްކަތް ކޮށްފައި ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި އެމަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށްވެސް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކި ކުންފުނީގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދަނީ އެކި ފެންވަރުގައި ކަމަށާއި އެއްވެސް ކޮންސިސްޓެންސީއެއް ނުހުންނަ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"މިއީ ބޯހިޔާވަހިކަމުގެ ނިޔަތުގައި ކުރި ކަމެއް ނަމަވެސް މިތަނުގައިވެސް ކޮރަޕްޝަންގެ އަމަލު ވަރަށް ބޮޑަށް ހިމެނޭ. މިސާލަކަށް އެމްޕީއެލްވެސް ކޮން ގޮތަކަށް ކޮން މުވައްޒަފުންނަށް ކިހިނެއްތޯ އެޕާޓްމެންޓް މި ލިބެނީ. އެކަންތައް ބެލޭނެ ޕްރޮސެސްއެއް އެކުލަވާލާފައެއް ނެތް،" އިލްޔާސް ވިދާޅުވިއެވެ.