ސަލަފް ޖަމިއްޔާ

ސަލަފް ޖަމިއްޔާގެ ރައްދު: ގާނޫނީ ވެރިކަމެއް ކުރާ ނަމަ ފިޔަވަޅު އަޅަން ޖެހޭނީ އެމްޑީއެން އާއި ނަޝީދަށް

4

ގާނޫނީ ވެރިކަމެއް ހިންގާ ނަމަ ފިޔަވަޅު އަޅަން ޖެހޭނީ ސަލަފު ޖަމިއްޔާއާ ދެކޮަަޅަށް ނޫން ކަމަށާއި އެފިޔަވަޅު އަޅަން ޖެހޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށް ސަލަފު ޖަމިއްޔާއިން ބުނެފި އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ސަލަފު ޖަމިއްޔާގެ ރައީސް، ޝެއިޚް އަބްދުﷲ މުހައްމަދު ދާދި ދެންމެ ވިދާޅުވީ، ލާދީނީ ވެގެން ނުވަތަ ގައުމުގެ ސުލްހަމަސަލަސްކަމާއި ދީނީ ވަހުދަތާ ހިލާފު ވެގެން ފިޔަވަޅު އަޅާ ނަމަ އެ ފިޔަވަޅު މިހާރުން މިހާރަށް ވެސް އަޅަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަދި އެމްޑީއެންގެ މައްޗަށް ކަމަށާއި އެކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅުއްވާފައި ވެސް ވާނޭ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެމްޑީއެން އާއި ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައިދިނުން އެދި ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ހުށަހަޅާފަ. އެކަންކަން ކުރަން ނުކެރިގެން ސަލަފާ ދިމާއަށް މިގޮތަށް މި އަންނަނީ." ޝެއިޚް އަބްދުﷲ ވިދާޅުވި އެވެ.

ޝެއިޚް އަބްދުﷲ ވިދާޅުވީ މީގެން ކަށަވަރު ވަނީ ލާދީނީ ކަންތައްތައް ހުއްޓުވަން މަސައްކަތްކުރާ ފަރާތްތަކާއި ދީނަށް ޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ހުރަސްއެޅުން ކަމަށެވެ. އެމްޑީއެން ގެ ރިޕޯޓު ދިފާއުކުރައްވައި ތަކުރާރުކޮށް ވާހަކަފުޅުދައްކަވަމުން ގެންދަވާތީ، އެއީ ވެސް ދީނާ ހިލާފު ކަމެއް ކަމަށް ވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅަން އަދި އެ މައްސަލަ ބައްލަވައިދެއްވުމަށް ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ޝެއިޚް ވިދާޅުވި އެވެ.

"މީގެން މި އެނގިގެން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ކޮން ކަހަލަ ސަރުކާރެއްކަން. ސަލަފަށް ފިޔަވަޅު އެޅިޔަސް، ފޮރުވަން އެ އުޅޭ ކަމެއް ނުފޮރުވޭނެ." ޝެއިޚް އަބްދުﷲ ވިދާޅުވި އެވެ.

ސަލަފު ޖަމިޔާއާ މެދު ފިޔަފަޅު އަޅުއްވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) މިއަދު ނިންމާނެ ކަމަށެވެ.

އެ ރިޕޯޓު ދިރާސާ ކުރުމަށް އެ ކޮމިޓީން ކުޑަ ސަބް ކޮމިޓީއެއް ނަގާފައިވާ ކަމަށާއި އެ ކުޑަ ކޮމެޓީގެ މަސައްކަތް ރޭ ނިންމާލާފައިވާއިރު، އެ ކޮމިޓީގެ ރިޕޯޓްގައި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާ ގުޅޭގޮތުން މަޖިލީހުން ނިންމަން ޖެހޭ ގޮތްތަކެއް ހިމެނޭ ކަމަށެވެ.

ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ޖަމާއަތަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ކުޑަ ކޮމިޓީން މިއަދު ޓޫފޯވަން ކޮމިޓީއަށް ހުށަހަޅައި ފާސް ކުރާނެ ކަމަށާއި އެ ކޮމިޓީން ފާސްކޮށް އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް އަންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟