ވަކި ބަޔަކު ރުއްސަން ދީީނީ ޖަމާއަތްތަކަށް އެމްޑީޕީން ބިރު ދައްކަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތުކުރައްވައިފި އެވެ.
ޑރ ޖަމީލު ވިދާޅުވީ ދީނީ ޖަމިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ހިލާފު އަމަލުތައް ނުފެނުނު ކަމަށާއި އަސްލު އެޖެންޑާ ބޭޒާރުވެއްޖެ ކަމަށެވެ. ޖަމީލު އިތުރަށް ވިދާޅުވީ ފަޔަށް ހިނިއަރައިގެން އުޅޭހެން ދީނީ ޖަމިއްޔާތަކަށް ބިރުދައްކަނީ ވަކި ބަޔަކު ރުއްސަންވެގެން ކަމަށާއި އެެޖެންޑާގެ ހަގީގަތް މިދަނީ ރައްޔިތުންނަށް ހާމަވަމުން ކަމަށެވެ.
ޑރ ޖަމީލު މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) މިއަދު ނިންމާނެ ކަމަށެވެ.
އެ ރިޕޯޓު ދިރާސާ ކުރުމަށް އެ ކޮމިޓީން ކުޑަ ސަބް ކޮމިޓީއެއް ނަގާފައިވާ ކަމަށާއި އެ ކުޑަ ކޮމެޓީގެ މަސައްކަތް ރޭ ނިންމާލާފައިވާއިރު، އެ ކޮމިޓީގެ ރިޕޯޓްގައި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާ ގުޅޭގޮތުން މަޖިލީހުން ނިންމަން ޖެހޭ ގޮތްތަކެއް ހިމެނޭ ކަމަށެވެ.
ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ޖަމާއަތަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ކުޑަ ކޮމިޓީން މިއަދު ޓޫފޯވަން ކޮމިޓީއަށް ހުށަހަޅައި ފާސް ކުރާނެ ކަމަށާއި އެ ކޮމިޓީން ފާސްކޮށް އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް އަންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.