އެސްޓީއޯ

ސަރުކާރުން އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާ ދައްކަން އެބަޖެހޭ: ޓްރާންސިޝަން ކޮމިޓީ

އަހުމަދު ޖައިޝަން

އެސްޓީއޯއަށް ދިވެހި ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ 2.5 ބިލިއަން ރުފިޔާ އެބައޮތް ކަމަށް ޓްރާންސިޝަން ކޮމިޓީއިން ބުނެފިއެވެ.

މިއަދު ޓްރާންސިޝަން ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ސަރުކާރުން އެ ފައިސާ ނުދިނުމުގެ ސަބަބުން އެސްޓީއޯއިން ހަރަދު ކުރަން ލޯންތައް ނަގަންޖެހޭ ކަމަށާއި އޭގެ ސަބަބުން އެސްޓީއޯއަށް ގެއްލުންވާ ކަމަށެވެ.

"ސަރުކާރުގެ އިހުމާލުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވެގެން މިދަނީ،" އިލްޔާސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެސްޓީއޯގެ ގަވާނެންސް ސިސްޓަމް ވަރަށް ވަރުގަދަ ކަމަށާއި އެއީ ގަވާނެންސް ސިސްޓަމް އެންމެ ރަނގަޅު އެއް ކުންފުނި ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރުގެ ހިއްސާއެއް އޮންނަ ކުންފުންޏެއް ކަމަށްވާ އެސްޓީއޯއަށް ސަރުކާރުން ފައިސާ ލިިބުމުގައި ދަތިތަކެއް ކުރިމަތިވެ އިންޓްރެސްޓް ބޮޑުވެފައިވާ ކަމަށް ވެސް އިލްޔާސް ފާހަގަ ކުރެއްވިއެވެ. އޭގެ ސަބަބުން އެސްޓީއޯއަށް ލިބިގެންދާ ޕްރޮފިޓް ކުޑަވެގެންދާ ކަމަށް ވިދާޅުވިއެވެ.

"އެސްޓީއޯއިން ވަނީ ވަރަށް ބޮޑެތި ލޯންތަކެއް ނެގިފައި. އޭގެ ސަބަބުން އިންޓްރެސްޓްގެ ގޮތުގައިވެސް އެބަ އަރާ 180 މިލިއަން ރުފިޔާ،" އިލްޔާސް ވިދާޅުވިއެވެ.