އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ދުވަހަކު އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ، ދީނީ ކަންތައްތައް ކުރިއަރުވަން އުފައްދާފައިވާ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމާބެހޭގޮތުން މަޖިލިސް ރައީސް ދެއްކެވި ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ޝިޔާމު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް ފެންނަ ގޮތަކީ މުޅި މަޖިލީހަށް ފެންނަ ގޮތެއް ކަމަށް ނިންމައިގެން ވަކި ފަރާތަކަށް އަމާޒުކޮށް ވަކި ބައެއްގެ ބޮލުގައި ކަންތައްތައް އަޅުވައިގެން ނުވާނެ ކަމަަށެވެ. އަދި މީހުން ހަނގުރާމައަށް ފޮނުވާ ހަރުކަށި ޖަމާއަތްތައް އުޅޭކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޝިޔާމު ވިދާޅުވީ ސެކިއުރަލިޒަމް އާއި ލާދީނިއްޔަތު ފަތުރަން ބޭނުންވާ ފަރާތްތަކަށް ތަން މިނަށް ޖާގަ ދީގެން ދީނީ އިލްމުވެރިންގެ އަނގަ ބަންދު ކުރަން މަޖިލިސް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކްސްޓްރީމިސްޓުންނަށް ފިޔަވަޅު އަޅާއިރު އެކަން ދެ ފަރާތަށްވެސް އޮންނަން ޖެހޭނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެހެން އެއްވެސް މަގުސަދެއްގައި މި މަޖިލިސް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، މިރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދިނުމަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް އެމަނިކުފާނުގެ ރިޔާސަތުގައި ނުދެއްވާނެ ކަމަށެވެ.
އަދި އެކަމުގެ ސަތޭކައިން ސަތޭކަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އޮންނާނެ ކަމަށާއި، މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަދޭނެ އެއްވެސްކަމެއް ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، "ހަމައެކަނި ކަންބޮޑުވެގެން މިއުޅެނީ ހަނގުރާމައަށް މީހުން ފޮނުވާތީވެ،" ކަމަށެވެ.