އިބްރާހިމް ޒަކީ
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރަން ޖެހޭ ސަބަބަކީ ނުރައްކާތެރި މައްސަލަ ތަކުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީޖީގެ ފަރާތުން ރަނގަޅު ޕްރޮސެކިއުޝަނެއް ނުފެނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ޕީޖީގެ މަގާމުން އައިޝަތު ބިޝާމް ވަކި ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ފަދައިން އެކަން މަޖިލީހަށް އިއުލާން ކޮށްދެއްވުމަށްފަހު އެ ކަމުގެ އިޖުރާއަތްތައްް ކުރިއަށް ގެންދެވުމަށް މަޖިލިސް ރައީސް ވަނީ ކޮމިޓީއަށް އަންގަވައިފައެވެ.
މި މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޕީޖީ މަގާމުން ވަކިކުރުމުގެ ހާލަތު ބަޔާންކޮށްފައިވާ، ގާނޫނުއަސާސީގެ 228 މާއްދަގެ (ހ) ގައިވާ ހާލަތު މެދުވެރި ވެފައިވާ ކަމަށް ކޮމިޓީން ބުނެފައިވާ ކަމަށެވެ.
އެ މާއްދާގައި ޕީޖީ މަގާމުން ވަކި ކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރުމާއި، އެ މަގާމު އަދާ ކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރި ވުމުގެ އިތުރުން އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ނެތުމެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ޕީޖީ މަގާމުން ވަކި ކުރުމުގެ މައްސަލަ އެ ހާލަތަށް ދިޔައީ، މަރުތަކާބެހޭ އެކި އެކި ރިޕޯޓުތައް މަޖިލީހަށް ހުށަހެޅި ބަހުސް ކުރަމުންދިއުމާއި، ހާއްސަކޮށް ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާގުޅޭ ފަރާތްތަކަށް ވެސް ގާނޫނުގައިވާ ގޮތުގެމަތިިން އެކަށީގެންވާ ޕްރޮސެކިއުޝަނެެއް ހިންގިފައިނުވުމުގެ ސަބަބުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރިލްވާންގެ މަރާ ގުޅޭ ފަރާތްތަކަށް ފިޔަވަޅުއަޅައިދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަރަށްބޮޑު އެދުމެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރުން ވައްކަމާއި ފަސާދަ އާއި އަނިޔާ އާއި ޓެރަރިޒަމްގެ އަމަލުތަކާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ޕީޖީއަށް އެކަށީގެންވާ ޕްރޮސެކިއުޝަނެެއް ހިންގިފައި ނުވާކަން މަޖިލިސް މެންބަރުން ފާހަގަ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.