ލުއިސް އެންރީކޭ

ސްޕެއިންގެ ގައުމީ ކޯޗަކަށް އަލުން އެންރީކޭ ހަމަޖައްސައިފި

ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަލުން ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވެއްޖެއެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުން އެންރީކޭ ކުރިން ދުރުވީ އޭނާގެ ނުވަ އަހަރުގެ އަންހެން ދަރި ޒާނާއަށް ކަށީގެ ކެންސަރު ޖެހި، ބަލީގެ ނުރައްކާ ބޮޑުވުމުން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ އެންރީކޭގެ ދަރި މަރުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

އުމުރުން 49 އަހަރުގެ އެންރީކޭ، ސްޕެއިންގެ ކޯޗުކަމުން ދުރަށް ދިއުމުން ވަގުތީގޮތުން އެޓީމުގެ ކޯޗުކަމާ ހަވާލުވީ އެންރީކޭގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ރޮބާޓް މޮރޭނޯއެވެ. ފަހުން މޮރޭނޯއާއެކު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ދާއިމީ ކޮންޓްރެކްޓެއް ވެސް ހަދައިފައެވެ. އެ ކޮންޓްރެކްޓުގައިވާ ގޮތުން، މޮރޭނޯއާ ގައުމީ ޓީމު ހަވާލުކުރީ އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށެވެ.

ސެޕްޓެމްބަރު މަހު މޮރޭނޯ ބުނެފައިވަނީ އެންރީކޭ އެނބުރި އަންނަން ބޭނުން ނަމަ، އޭނާއަށް އެ ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް އޭރު އެކަމާ ގުޅޭގޮތުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ރޫމޭނިއާއާ ދެކޮޅަށް ކުޅެ 5-0ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގެ ކުރިން އެންރީކޭއަށް މަގާމު ހަވާލުކުރަން ވަނީ ނިންމައިފައެވެ. އެ މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މޮރޭނޯ ބައިވެރިވެފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލޭސް ވިދާޅުވީ އެންރީކޭ އެނބުރި އަންނަން ބޭނުން ނަމަ، އޭނާއަށް މަރުހަބާ ކިޔާނެކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ނިޔަލަށް ސްޕެއިންގެ ގައުމީ ޓީމަށް އެންރީކޭ އިރުޝާދު ދޭނެ ކަމަށެވެ.

އެންމެ ފުރަތަމަ އެންރީކޭއަށް ގައުމީ ޓީމު ހަވާލުކޮށްފައިވަނީ ވޯލްޑް ކަޕް 2018ގެ ގަދަ 16 އިން ސްޕެއިނަށް ޖާގަ ނުލިބުމުންނެވެ. ނޭޝަންސް ލީގާއި ޔޫރޯ ކޮލިފައިންގެ ކުރީކޮޅު، ސްޕެއިނަށް އިރުޝާދު ދީފައިވަނީ އެންރީކޭއެވެ.