އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޗާންސެލާގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރަސްމީކޮށް އިސްތިއުފާ ދެއްވައިފި އެވެ.
ދާދި ދެންމެއަކު އެ މަގާމުން އިސްތިއުފާ ދެއްވި ކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ އެ މަގާމުގައި ނެތް ނަމަވެސް އިސްލާމް ދީނާއި ދިވެހި ގައުމާ އިސްލާމީ އުއްމަތައް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
"އިސްލާމީ އުއްމަތައް ހިދުމަތް ކުރުން މަތީ ދެމިހުރުމަކީ ފަހު ނޭވަޔަށްވެސް ހަޔާތުގެ އެންމެ މަތިވެރި އަޒުމެވެ،" ޝަހީމްގެ ޓުއީޓުގައި ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުން ޝަހީމް މިއަދު އިސްތިއުފާ ދެއްވި އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ އެ މަގާމުން އިސްތިއުފާ ނުދެއްވައެވެ.
ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ދެން ހަވާލުވެވަޑައިގެންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމާއެވެ. އެ މަގާމަކީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.