އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އިން ބުނެފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސް 2019 އާއި ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ތަހުގީގީ މަރުހަލާ ލަސްވެ، މައްސަަލައިގެ ހެކި ގެއްލޭކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ. އަދި މިކަމުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވި ކުދިންނަށް އިންސާފު ހޯދައިދިނުމަށް ހުރަސް އެޅޭކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމުން ވަނީ އަނިޔާ ލިބޭ ކުޑަކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖައާކޮށް އެފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކެއް ގާއިމް ކުރަން ޖެހޭކަން ފާހަގަ ކޮށްފައެވެ. އަދި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ވީހާވެސް އަވަހަކަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެޗްއާރުސީއެމް އިންބުނެއެވެ. އެކޮމިޝަނުން ބުނީ މިކަން ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި ބަޔާނުގައި އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ފާސްކުރުމުން ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްފައެވެ. އެއީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެޅުނު ހެޔޮ ބިންގަލެއް ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެޗްއާރުސީއެމަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތައް އެ ކޮމިޝަނުން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެއީ އާއިލާގެ ފަރާތުންވާ އިހުމާލު، ކުޑަކުދިންނަށް ލިބޭ ނަފުސާނީ އަދި ޖިސްމާނީ އަނިޔާ، އާއިލާގެ ފަރާތުން އަދި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާ، ދައުލަތުގެ މުއައްސަސާތަކުންވާ އިހުމާލު އަދި ކުޑަކުދިންނަށް ގަނާ ކުރާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން ކުށުގެ ވެށިން ހިފަހައްޓާ ކުދިންނާ މެދު އަމަލުކުރާނެ ވަކި ގޮތެއް ގެންގުޅެން ޖެހޭކަން އެކޮމިޝަނުން ފާހަގަކުރެއެވެ. އެގޮތުން އެކި ކުށްތަކުގައި ހައްޔަރު ކުރެވޭ ކުޑަކުދިން ބަންދުގައި ބައިތިއްބާއިރު ބޮޑެތިމީހުންނާއި ވަކިން ބޭތިއްބުމުގެ އިންތިޒާމެއް ހަމަޖައްސަން ޖެހޭކަމަށް އެ ކޮމިޝަނުން ބުނެއެވެ. ގާނޫނާ ހިލާފު ކަންކަމަށް ހުށަހެޅޭ ކުޑަކުދިންނާއި ކުށަކަށް އަރައިގަތުމުގެ ނުރައްކަލެއްގައިވާ ކުޑަކުއްޖާ ކުށުގެ ވެއްޓާއި ދުރުކޮށް، އެކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމުވެސް ހަރުދަނާކުރަން ޖެހޭ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެޗްއާރުސީއެމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައި ވެއެވެ.
އެޗްއާރުސީއެމުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަމާއި ސަލާމަތަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި ކުއްޖާއަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ދިނުމަށް މައިންބަފައިންގެ އިތުރުން މުޖުތަމައުވެސް ހާއްސަ އަހައްމިއްޔަތު ކަމެއްދީ، މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފައިވެއެވެ.