މަޖިލީހުގެ ރައީސް

މަސްވެރިން ޑީކޯވުމަކީ ކެޔޮޅުންނާއި މަސްވެރިންނާއި ސަރުކާރު ގުޅިގެން ހައްލު ހޯދަން ޖެހޭ މައްސަލައެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އެން ހިފަން ފީނާ މަސްވެރިންނަށް ދިމާވާ ހިތާމަވެެރި ހާދިސާތަކަކީ ކެޔޮޅުންނާއި މަސްވެރިންނާއި ސަރުކާރު ގުޅިގެން ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެން ހިފަން ފީނާ މަސްވެރިން ޑީކޯވުމުން ދޭނެ އަވަސް ފަރުވާ މަސްވެރި ރަށްރަށުގައި ނެތް މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން މެންބަރުންނަށް ނިސްބަތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ އަކީ އެކި ގޮތްގޮތަށް ރާއްޖޭގެ އެތައް ތަނެއްގައި ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ.

ދާދިފަހުން މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކި ބާވަތްތަކުގެ މަސްވެެރިކަން ފާހަގަކުރަން އެބަ ޖެހޭ ކަމަށާއި، ކޮންމެ ބާވަތަކަށް މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެފަދަ މެނޭޖްމަންޓް ޕްލޭން ހިންގުމަށް ބޭނުންވާނެ ވަސީލަތްތައް ބޭނުން ކުރާނެ ގޮތްތައް އެ ގާނޫނުގައި ކަނޑައެޅިފައިވާނެ ކަމަށެވެ. އެގޮތުން ރޭންޖަރުން ތިބެން ޖެހޭނެ ކަމަށް ފުރަތަމަ ފަހަރަށް އެގާނޫނުގައި ބުނެފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެއީ ކަންކަން ހިނގަމުން ދަނީ ރަނގަޅަށްތޯ ބަލައި ކަންކަމުގައި ކުއްލި ނުރައްކާ ދިމާ ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ގާނޫނުގައި ހުށަހަޅާފައިވާ ކަންތައްތައް ކަމަށެވެ.

މަސްވެރިކަމުގެ ގާނޫނަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު، ރޭންޖަރުން ބޭތިއްބުމަށް ގާނޫނުގައި ކަނޑައަޅާފައިވާއިރު އެ ފަރާތްތަކުގެ ޒިންމާތަކާ ކަންތައްތައް ހިމެނޭ ގަވާއިދެއް ހެދުމަށް މިނިސްޓްރީގެ މައްޗަށް ލާޒިމް ކޮށް ވަގުތުދީ، އެ ގާނޫނުގެ ދަށުން އެކަންތައްތަކަށް އަމަލު ކުރަން ގާނޫނުުގައި ވަނީ ހިމަނައިފައެވެ.