މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރި މުދަލުގެ އިންސައްތަ އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެއްޖެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސްއިން އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ 16 އިންސައްތަ އިތުރެވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 257 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި 295 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހާރާ އަޅައި ބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 0.37 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކްސްޕޯޓް އަދި އިމްޕޯޓުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 287 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 288 މިލިއަން ރުފިޔާއަށް އިތުރު ވެފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އިމްޕޯޓް ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު ބޮޑުތަން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 4.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ؛ ޔޫއޭއީ، ޗައިނާ، އަދި ސޮންގަޕޫރު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޗައިނާއިން 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީ އިން 743 މިލިއަން އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެތެރެކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ.