ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ވޯޓެއް ނުދޭނަން: ޖާބިރު

އިބްރާހިމް ޒަކީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނަގާ ވޯޓުގައި އެ ފަނޑިޔާރުން ވަކި ކުރަން ވޯޓު ނުދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާާޅުވެއްޖެ އެވެ.

ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމި ނިންމުން މަޖިލީހުގެ ޖުޑިޝަރީިން ކޮމިޓީން ދިރާސާކޮށް، ޖޭއެސްސީގެ ނިންމުމާ އެއްްގޮތަށް އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ލަފާދީ ހުށަހެޅި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވުން ޖާބިރު ވިދާޅުވީ، ފަނޑިޔާރުން ވަކިކުރަން ވޯޓު ނުދޭން ނިންމެވީ، ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުގެ ފުނޑާލައި ފަނޑިޔާރުން ނިންމާ ހުކުމް ތަކަށް އިހުތިރާމް ނުކޮށް، ފަނޑިޔާރުގެއަކީ އަމިއްލަ މިލްކިއްޔާތުގެ ގޮތުގައި ހަދައި އެއް މޭޒަކުން ހުކުމް ނިންމަމުން ދާތީ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމަށް ގާނޫނުއަސާސީގައި، އަދުލު އިންސާފު ގާއިމްކުރާ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ބާރެއް ލިބުމުން އެމްޑީޕީން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުގައި ބުނާހާ ގޮތަކަށް ހުކުމްތައް ނެރޭ މީހުން ފަނޑިޔާރުގެއަށް ލާތަން ފެންނަމުންދާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ފަނޑިޔާރުގެ ރިޕޯމް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ހަމަ އެއާއެކު ސަރުކާރުގައި ތިބި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ވަކިކުރަންވެސް ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ފަނޑިޔާރުގެއަށް ސީދާ ފޯކަސް ކޮށްގެން ފަނޑިޔާރުގެ ފުނޑާލައި އަދުލު އިންސާފު ޕެރެލައިސްކޮށް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެޖެންޑާ 19 ގައި ވަނީ ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ޖޭއެސްސީ މިނިވަން ކުރަން ނަމަވެސް އެކަން މިހާރު ހަނދާން ނެތް ކަމަށްވެސް ވިދާޅުވިއެވެ.