މަޖިލީހުގެ ރައީސް

އުއްތަމަ ފަނޑިޔާރު މީގެ ކުރިން ވަކި ކޮށްފައި ހުރީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް: ނަޝީދު

އިބްރާހިމް ޒަކީ

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މީގެ ކުރިން ވަކި ކޮށްފައި ހުރީ ވަރަށް ނާތަހުޒީބީ ގޮތް ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ހުންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމަށް ވޯޓަށް އަހަން މިއަދުގެ ޖަލްސާއަށް އެޑެންޖާ ކޮށްފައިވާ މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާާޅުވީ، ރާއްޖެއަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ލިސްޓަށްވުރެ ދިގުކޮށް ފަނޑިޔާރުންގެ ލިސްޓު އޮތް ހަލޯރަތެއް އޮތް ގައުމެއް ކަމަށެވެ.

"1000 އަހަރު މެދު ނުކެނޑި އެކި އެކި ފަނޑިޔާރުން ފަނޑިޔާރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ލިސްޓު އެބައޮތް، އޭގެ ތެރެއިން ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކި ކުރައްވާފައި އެބަހުރި ރަދުން ބާލާ އޮޑީގެ ބަނޑުފިލާ ދަށުލައިގެން އަނެއްބައި ފަނޑިޔާރު ބޭކަލުން ކަފަ ބަދެފައި އަންދާފައި އެބަހުރި، ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނު އެ މަނިކުފާނަށް ކޮށްފައިވާ އަނިޔާ ފަހުން ލިޔުވާފައި އޮތްއިރު ތެޅި އަދަދާއި ލަކުނުގެ އަދަދު ލިޔުއްވާފައިވޭ،" ކުރީގެ ފަނޑިޔާރުންނާ މެދު ކަންކަން ކޮށްފައިވާ ގޮތް ހާމަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފަހުން ރަދުން އައްޔަން ކުރައްވާފައި ހުންނެވި ފަނޑިޔާރަކު ވަކި ކުރިތަން ފެނިފައިވަނީ ދަރަވަންދޫގޭ މުހައްމަދު ޖަމީލު ދިދީ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ އޭގެ ފަހުން އުއްތަމަ ފަނޑިޔާރު ވަކި ކޮށްފައި ހުރީ، ގާނޫނަށް ގެނައި ބަދަލަކުން އޮޅިގެންނާއި، ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރު ހިފައި ހައްޔަރު ކޮށްގެން ކަމަށެވެ.

"ދެން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ހުރީ ގާނޫނަށް ގެނައި ބަދަލަކުން އޮޅިގެން ވަކިވުން, ނުވަތަ ފަނޑިޔާރުގޭ ފުރާޅުން ޓިނު ނަގައިގެން އޭނާ ގެންގޮސް ހިފައި ހައްޔަރުކޮށްގެން ވަކި ކުރުން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު މަޖިލީހުން މަސައްކަތް ކުރަނީ ގާނޫނުއަސާސީގައި ވާ އިޖުރާއަތްތަކުގެ ތެރެއިން، އިސްލާމް ދީނުގެ މަތިވެރި ރިވެތި އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފަނޑިޔާރު މަނިުފާނަށް ފިޔަވަޅު އަޅަން ކަމަށެވެ.