އަސްބާ

ޖަމްއިއްޔާއެއް އުފައްދަވައި، ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ ހިދުމަތަށް ނުކުމެވަޑައިގެންފި

މުހައްމަދު އައުޒަމް

2

އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓް އެއިޑް (އަސްބާ)ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދަވައި، ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ ހިދުމަތަށް ނުކުމެވަޑައިގެންފި އެވެ.

ރާއްޖޭގައި އަޅާނުލެވި ދޫކޮށްލެވިފައިވާ އެހީތެރިކަން ބޭނުންވާ ނިކަމެތި މީހުންނަށް އެހީވެދީ އެމީހުންގެ ހަޔާތް ބަދަލުކޮށްލާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އަސްބާގެ ފައުންޑިން މެމްބަރުންނަކީ އައިޝަތު ނަހުލާގެ އިތުރުން އެކަމަނާގެ މަންމާފުޅޫ ހަދީޖާ އިބްރާހީމެވެ.

ޖެން ހޮޓަލުގައި ރޭ ބޭއްވި ހަފްލާގައި އަސްބާ އިފްތިތާހު ކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހްމާނު، ކުރީގެ ފަސްޓް ލޭޑީ މެޑަމް ލައިލާ އަލީގެ އިތުރުން އައިޝާ އާއި ހަދީޖާ އެވެ.

އަސްބާ އިފްތިތާހު ކުރި ހަފްލާއަށްފަހު ވަންއޮންލައިންއާ ވާހަކަދައްކަމުން އައިޝާ ވިދާޅުވީ އަސްބާގެ އަމާޒަކީ "ޓްރާންފޯމިން ލައިފް" ކަމަށެވެ. މީހެއްގެ ހަޔާތަށް ހެޔޮ ބަދަލެއް ގެނައުމަކީ އަސްބާގެ އެންމެ ބޮޑު އުންމީދު ކަމަށް އައިޝާ ފާހަގަ ކުރެއްވިއެވެ.

އައިޝާ އިތުރަށް ވިދާޅުވީ އަސްބާ އަމާޒު ކުރާ މައިގަނޑު ދެ ބައެއް ވާކަމަށާއި އޭގެ ތެރޭގައި ފުރަތަމަ ކަމަކަށް ރާއްޖޭގައި ބައްޕައެއްގެ އަޅާލުން ނެތް ކުދިންނަށް ގެއްލިފައިވާ އަޅާލުމާއި އެހީތެރިކަން ނެތި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި އެކުދިންނަށް ހާއްސަކޮށްފައި ނުވުމާއެކު އެ ކުދިންނަށް އަޅާނުލެވި މުޖުތަމައުގައި ބާކީވެ ނުބައި ކަންތަކަށް އަރައިގަންނާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވޭނެ ކަންތައް ހިމެނެއެވެ.

މި މުޖުތަމައުގައި 20،000 ވުރެ ގިނަ އަދަދަކަށް މިކަހަލަ ކުދިން އެބައުޅޭ. ވީމާ އަޅުގަނޑުމެން މަސައްކަތް ކުރާނަން މިފަދަ ކުދިންނަށް ހާއްސަކޮށްގެން ގާނޫނެއް އުފައްދަން. މި އިންތިހާބުވެފައިވާ ސަރުކާރު މެދުވެރިކޮށް މިކަން ކުރެވޭނެ ގޮތްތަކެއް ހޯދާނަން
އައިޝަތު ނަހުލާ

ދެވަނަ ކަމަކަށް އަސްބާއިން ފޯކަސް ކުރަން ބޭނުންވާ ކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އަޅާނުލެވިފައިވާ މާބަނޑުވުމަށް ފަހު އަންހެނުންނަށް ދިމާވާ ޑިޕްރެޝަންގެ މައްސަލަތައް އަދި ހޯމޯން އިންބެލެންސްގެ މައްސަލަތައް އަޅާނުލެވި ހުރުމާއި ވިހެއުމާ ގުޅިގެން އަންނަ ކަންތައްތަކުގެ ސަބަބުން އާއިލާތައް ރޫޅި، ދިމާވާ ކަންތައްތައް އާންމު ވެފައިވުމާއެކު އެކަމަށް ސަމާލުކަންދީ ހޭލުންތެރިކުރުވުމުގެ ޕޮރޮގްރާމްތައް ހިންގުންކަމަށް އައިޝާ ވިދާޅުވިއެވެ.

އެހީ ބޭނުންވާ ފަރާތްތަކަށް އަސްބާއިން ކޮށްދޭނެ ކަމަކީ އެ ފަރާތްތަކުގެ މެދުވެރިޔަކަށްވެ، އަސްބާއިން އެފަރާތްތަކާ ބައްދަލުކޮށް އެހީ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އައިޝާ ވިދާޅުވިއެވެ.

އަސްބާ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަދި ކޯލިޝަންގެ އިސްފަރާތްތަކާއި ރާއްޖޭގައި ހުންނަވާ ބޭރު ގައުމުތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟