(16 ނޮވެމްބަރުގެ އަދަދާ ގުޅޭ)
حسّان ގުދުވެވަޑައިގެން سُهيل ގެ ކަންފަތްޕުޅު ކައިރީގައި ވިދާޅުވިއެވެ. "މޮޔަޔާއެވެ. އަހަންނަކީ حسّان އެވެ! ކަލޭ ދެން ހިމޭނުން ހުންނާށެވެ. މިތާނގައި އިހަށް މަޑުކޮށްލާށެވެ. އަހަރެން މިތިބަމީހުން އަހަންނާ ދިމާޔަށް ސަމާލުކުރުވުމުން ކަލެޔަށް އެއްފަރާތަކަށް ޖެހިލުމުގެ ފުރުޞަތު ލިބިދާނެއެވެ. "حسّان އޭނާގެ އަސްކޮޅުގެ ލަގަން سُهيل އަތްޕުޅަށް ދެއްވައިފައި جمشيد ގެ މުލައްދަނޑިފުޅުގައި ހިއްޕަވައި ނަންގަވައިފިއެވެ. އެހާއިރުވަންދެން ކަންބޮޑުވެފައި ދުރުގައި ތިބި ކުޅިބަލާމީހުންތައް جمشيد އަރިހަށް އެއްވެއްޖެއެވެ. جمشيد ކުކުރައިވަޑައިގަންނަވަމުން ލޯފުޅު ހުޅުއްވައިލެއްވިއެވެ. ދެތިން މީހަކު އޭނާގެ އަރިހުގައި އިށީނދެއްޖެއެވެ. އެކަކު އޭނާގެ އިސްތަށިފުޅު އުފުލައިލައިފައި އޭނާގެ މޭގައި جمشيد ޖައްސައިލިއެވެ. جمشيد އަށް ޙިމާޔަތް ލިބިވަޑައިގެންފިކަން ޔަޤީންވެވަޑައިގަތުމުން ހިތްޕުޅު ހަމަޖެހުމާއެކު ލޯފުޅު މަރުއްވައިލެއްވިއެވެ.
ކޮންމެވެސް މީހަކު حسّان އާ މުޚާޠަބުކޮށް ދެންނެވިއެވެ. "ސާހިބާއެވެ! ކަލާ ކަލާގެ އަސްކޮޅު އެމޮޔަކުއްޖާއާ ޙަވާލުކުރައްވައިފީމުއެވެ. އޭނާ ފިލައިފިނަމަ ކުރައްވާނީ ކީއްތޯއެވެ؟"
حسّان ހަމަޖެހިވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "ކަލޭ އަހަރެންގެ އަހާމެދު ފިކުރު ބޮޑުނުކުރާށެވެ. އަހަރެން ފިޔަވައި އެހެން އެއްވެސް މީހަކަށް އެއަހަކަށް ސަވާރެއް ނުވެވޭނެއެވެ. ކަލޭމެންނަށް ޢަރަބީން ބަލިކުރެވޭނީ އެބައިމީހުންގެ ކުޑަކުދީންނަށް ތިޔަގޮތަށް އަނިޔާކޮށްގެންނެއް ނޫނެވެ. ކަލޭމެންގެ މިބާވަތުގެ މޮޔަކަންތައްތަކުގެ ސަބަބުން ޢިރާޤުގެ ހުރިހާ ޢަރަބި ޤަބީލާތައް އީރާނުގެ ދުޝްމިނުންކަމުގައި ވެއްޖެއެވެ. އަހަރެން ޙައިރާންވަނީ ތޫރަޖުގެ ގޭގެ ދޮރުމަތީގައި މިފަދަ ލަދުވެތި ކުޅިވަރެއް ކުޅެވެމުން ދިޔައިރު ދޮރުން ބޯދިއްކޮށްލުމުގެވެސް ބޭނުމެއް އޮތްކަމަށް އޭނާ ނުދުށީތީއެވެ. އަހަރެން މިމައްސަލަ ހުރުމުޒުގެ އަރިހަށް ހުށަހަޅާނަމެވެ."
حسّان ގެ މިވާހަކަފުޅުން ކުޅިބަލާމީހުން ޖެހިލުންވެއްޖެއެވެ. ތޫރަޖުގެ ނޯކަރެއް ހިތްވަރުކޮށްލައިފައި ސުވާލުކޮށްލިއެވެ. "ސާހިބާއެވެ. މަނިކުފާނު ތިޔަވަޑައިގަތީ ކޮންތަނަކުންތޯއެވެ؟"
"އަހަރެން މިއައީ މަދާއިނުންނެވެ. އަހަރެން މިއައީ ޢަރަބި ރައްޔިތުން ހިތްހަމަނުޖެހިގެން އުޅޭ ސަބަބުތައް ހޯދުމަށެވެ."
+ + + + +
ގަދަފަދަ ހަށިގަނޑެއްގެ ވެރިޔެއް މާނޭވާލަމުން، ތުރުތުރުއަޅަމުން، އެއްޗެހިގޮވަމުން ދޮރާށިން ބޭރަށް ނުކުމެއްޖެއެވެ.
"އޭނާ ކޮބައިހެއްޔެވެ؟" އެމީހާ ގުގުރީގެ އަޑުކަހަލަ އަޑަކުން ސުވާލުކުރިއެވެ. "އަހަރެން އޭނާ ދިރިހުއްޓައި ވަޅުލާނަމެވެ. ކަލޭމެންކުރެ އޭނާއަށް ހުތްދީގެން އެކުޅިވަރު ކުޅުވައިފައި ކުޅިބަލަންހުރި އެކަކާމެދުވެސް އެއްވެސްކަހަލަ ހަމްދަރުދީއެއް ޙައްޤުކަމަކަށެއް ނުބަލާނަމެވެ."
އެގަދަފަދަ މީހާ އަޅައިގެންހުރި ފަށުވިހެދުމާއި އޭނާގެ ބޮލުގައިއޮތް ރަންކަސަބު ތާކިހަލުން حسّان އަށް އެއީ ކާކުކަން އޮޅުންފިލައިވަޑައިގަތުން ދަތިފުޅެއް ނުވިއެވެ. حسّان އިރުކޮޅަކު އޭނާ ހުންނެވިގޮތަށް ހުންނެވިއެވެ. އޭނާގެ ލޭފޮދު ކެކެންފަށައިފިއެވެ. މަޞްލަޙަތުގެ ކޮންޓްރޯލްގެ ދަށުގައި އޭނާ މަތަކުރައްވައިފައިވާ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ޖަޒުބާތުތައް އުތުރިގެންފިއެވެ. ބަރުދާސް ކުރައްވަން ދަތިފުޅު ވޭނީ ތަދުތަކެއް އޭނާގެ ހިތްޕުޅަށް ވެރިވެގަތުމުގެ ސަބަބުން އޭނާގެ ނޭވާފުޅު ހާސްވާން ފަށައިފިއެވެ. އޭނާ އަޑުފުޅުގެ ކޮޅަށް ހަޅޭއްފުޅުލައްވަން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ތުރުތުރުއަޅަމުންދިޔަ ދެތުންފަތްޕުޅުގެ ދެމެދުން އެއްވެސް އަޑެއް ނުނިކުތެވެ.
އިރުއޮއްސޭ ވަގުތުގެ ފަނޑުއަލިކަމުގެ ތެރޭގައި ތޫރަޖުގެ ލޯފުޅު حسّان ގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. ކުއްލިއަކަށް އޭނާ ސުވާލުކުރިއެވެ. "ތިޔައީ ކޮންބޭފުޅެއްތޯއެވެ؟"
حسّان ވަރަށް ބޮޑަށް ހިތްވަރުކުރައްވައިގެން ޖަވާބު ދެއްވިއެވެ. "ކަލާއަކަށް އަޅުގަނޑު އެނގިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް އަޅުގަނޑު ކަލާ ދަންނަމެވެ. ތިޔައީ ތޫރަޖު ނޫންތޯއެވެ."
"ކަލާ އަޅުގަނޑުގެ ގާތުގައި ވާހަކައެއް ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑު މިއައީ ވަރަށް މުހިންމު ޚަބަރަކާއިގެންނެވެ." حسّان ވަށައިގެން ބައްލަވައިލައްވަމުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިއައީ ހުރުމުޒުގެ އަރިހުންނެވެ."
"އަޅުގަނޑު ދުވަހަކުވެސް ހުރުމުޒުގެ އަރިހަކުން ކަލާއެއް ނުދެކެމެވެ."
"އަޅުގަނޑުގެ ގެހުންނަނީ މަދާއިނުގައެވެ. އަޅުގަނޑު މިރަށަށް މިއައީ ހުރުމުޒާ ބައްދަލުކޮށްފައެވެ."
"ތިޔަހެން ކަމަށްވާނަމަ ކަލާ މިތާނގައި މަޑުކުރެއްވީ ކީއްވެގެންތޯއެވެ. އަޅުގަނޑުގެ ގޭގެ ދޮރުވަނީ ހުޅުވިފައެވެ."
"ކުދިވެރީންގެ ހަނގުރާމަ ދެކެލަން އަޅުގަނޑު މިތާނގައި މަޑުކޮށްލީއެވެ. އެހެންނޫންނަމަ މިހާރު އަޅުގަނޑު އެނބުރި ދާންޖެހޭހައި އިރުވެއްޖެއެވެ. އަޅުގަނޑު ވީހާވެސް އަވަހަކަށް މަދާއިނަށް ދާންޖެހެއެވެ."
"އެހާ އަވަހަށްތޯއެވެ؟"
"އަޅުގަނޑު ހަމަމިހާރު މަދާއިނަށް ދާންޖެހެއެވެ. މިބައިމީހުންނަށް އަދަބުދެއްވުމުގެ މަސައްކަތް ކުޑަކޮށް ލަސްކޮށްލެއްވެން އޮތްކަމުގައިވާނަމަ އެހެންމީހުންނާ ވަކިން އަޅުގަނޑު ކަލާއާ ކުޑަ ވާހަކަކޮޅެއް ދައްކައިލަން ބޭނުމެވެ."
"އެންމެ ރަނގަޅެވެ. އެތެރެއަށް ވަޑައިގަންނަވާށެވެ."
"ނޫނެކެވެ. އަޅުގަނޑުމެން މިތާނގައި މަޑުކޮށްލައިގެންތިބެ ކުޑަކޮށް ވާހަކަ ދައްކައިލާނީއެވެ. މިހާރު މާބޮޑަށް ލަސްވެއްޖެއެވެ." حسّان މިހެން ވިދާޅުވެފައި އެއްފަރާތަކަށް ހިންގަވައިގެންނެވުމުން ތޫރަޖު ޙައިރާންކަމާއި ޖެހިލުންވެވަޑައިގަތުމާއެކު حسّان ގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ.
ވިއްސަކަށް ފަނަރަވަރަކަށް ފިޔަވަޅު ދުރަށް ވަޑައިގެންފައި حسّان ހުއްޓިވަޑައިގެންފިއެވެ. حسّان ތޫރަޖާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައެއް ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ؟"
"އަޅުގަނޑަކީ ނުޖޫމީއެއް ނޫނީމެވެ." ތޫރަޖު ފަރުވާކުޑަގޮތަކަށް ޖަވާބުދެއްވިއެވެ.
حسّان ބަގީޗާގެ ކަނާދިމާޔަށް އިޝާރަތްކުރައްވައިފައި ވިދާޅުވިއެވެ. "އެފަރާތް ބައްލަވަ ބައްލަވާށެވެ. އަޅުގަނޑުގެ އަހުގެ ލަގަނުގައި ހިފައިގެން އެހެރީ ކޮންކުއްޖެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟"
ތޫރަޖު ކޯފާއިސްވުމާއެކު ވިދާޅުވިއެވެ. "މިހާރު އިރުއޮއްސިއްޖެއެވެ. ކަލާ ތިޔައުޅުއްވަނީ އަޅުގަނޑުގެ ލޮލުގެ ފެނުން އިމްތިޙާނުކުރައްވަން ކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ މިހާރު އިރުއޮއްސިއްޖެއެވެ. އެކަމަކު އަޅުގަނޑަކީ ބަކަމޫނެއް ނޫނީމެވެ."
"ކޮންމެވެސް ނުޖޫމީއަކު ދެން ކަލާއަށް ގެއަކަށް ވެދެވަޑައެއް ނުގެންނެވޭނެއޭ. އިރުކޮޅެއްގެ ތެރޭގައި ކަލާގެ އަނބިކަނބަލުންނަށް ކަލާގެ ފުރާނަނެތް ހަށިކޮޅު ފެނިވަޑައިގަންނަވާނެއޭ ދަންނަވައިފިނަމަ ކަލާ އެވާހަކަ ތެދުކުރައްވާނުތޯއެވެ؟" މިހެން ވިދާޅުވުމާއެކު حسّان ކުއްލިއަކަށް ކަނޑިކޮޅު ދަންމަވައިގެންފިއެވެ. ތޫރަޖަށް އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުއްވެވުމުގެ ކުރިން حسّان ގެ ކަނޑިކޮޅުގެ ތުނޑު ތޫރަޖުގެ ވައިނޮޅިފުޅުގައި ޖެހިއްޖެއެވެ.
"ތިޔައީ ކާކުހެއްޔެވެ؟ ކަލޭ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"
"މަޑުން ވާހަކަ ދައްކާށެވެ. މިވަގުތު ކަލޭގެ ނޯކަރުންނަކަށް ކަލެއަށް އެއްވެސް އެހީއެއް ނުފޯރުވޭނެއެވެ. حسّان އޭނާގެ ކަނޑިކޮޅަށް ކުޑަކޮށް ބާރުކޮށްލައްވަމުން ވިދާޅުވިއެވެ.
ތޫރަޖު އާދޭސްކުރައްވާގޮތަށް ވިދާޅުވިއެވެ. "ތިޔައީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ފަރާތުން ކަލެޔަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އަހަރެން މިހިރީ އެކަމެއްގެ ބަދަލުދޭން ތައްޔާރަށެވެ."
حسّان ވިދާޅުވިއެވެ. "ކަލޭ އެބަޔަކު ޤަތުލުކުރުވި މީހުންތައް ކަލެޔަކަށް އަނބުރާ މިދުނިޔެއަކަށް ނުގެނެވޭނެއެވެ. އަހަރެންގެ ހުރިހައިވެސް ހިތާމަޔަކީ އަހަންނަށް ކަލޭ ޤަތުލުކުރެވޭނީ ހަމަ އެންމެ ފަހަރަކު ކަމެވެ. އަހަންނަށް ސަތޭކަފަހަރު ކަލޭގެ ފުރާނަ އެޅުވޭނެނަމަ އަދި ކޮންމެ ފަހަރަކު ކުރީފަހަރަށްވުރެ ވޭންހުރިގޮތަކަށް ކަލޭ ޤަތުލުކުރެވޭނެ ނަމަވެސް ކަލޭގެ ކުށުގެ ޖަޒާ ކަލެޔަށް ދެވުނުކަމަކަށެއް އަހަރެން ޤަބޫލެއް ނުކުރާނަމެވެ."
ތޫރަޖު ވިދާޅުވިއެވެ. "ނަމަވެސް ކަލެޔަށް އަހަރެން ޤަތުލުކޮށްފައި މިތަނުން ފިލައިގެނެއް ނުދެވޭނެއެވެ. ހުރުމުޒު ކަލޭގެ ފަހަތުން ވަޑައިގަންނަވާން ފެއްޓެވުމުން ދުވާލުގެ އަލިކަމަކަށްވެސް ރޭގަނޑުގެ އަނދިރިކަމަކަށްވެސް ކަލެޔަކަށް ރައްކާތެރިކަމެއް ހޯދައެއް ނުދެވޭނެއެވެ. މިވަގުތު އަހަރެންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. ނަމަވެސް އަހަރެން ޤަތުލުކުރުމަށްފަހު ކިސްރާގެ ރަސްކަމުގައި ހިމެނޭ ހަތިޔާރުއެޅި ކޮންމެ މީހަކު ކަލޭ ހޯދަމުން ގެންދާނެއެވެ."
حسّان ވިދާޅުވިއެވެ. "އަހަރެންގެ ކަނޑީގެ ފުރަތަމަ އެތިފަހަރާއެކު ކަލޭ އަބަދަށްޓަކައި ހަމަހިމޭން ވެދާނެއެވެ. އެހެންކަމުން ކަލެޔަށް ރޮއި ހަޅޭއްލެވުމުގެ ފުރުޞަތުދޭން އަހަރެން ޤަޞްދުކުރަމެވެ. އަދި އަހަންނަކީ އީރާނު މީހެއް ނޫންކަމާއި ޢަރަތްބެއްކަންވެސް އޮޅުންފިލުވައިދޭން ބޭނުމެވެ. އަހަންނަކީ عُتُبـة ގެ ދަރިއެކެވެ. އަހަރެންގެ ބައްޕައާއި ކޮއްކޮ ޤަތުލުކުރީ ކަލެޔެވެ. އަހަރެންގެ އަންހެން ކޮއްކޮގެ މަރުގެ ސަބަބަކަށްވީވެސް ކަލެއެވެ. އެކުއްޖެއްގެ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް މަރުވުމަށްވުރެ އިހާނެތިކަމަށް ކަލޭ ހަދައިފައި އެހެރަ ކުއްޖަކީ އަހަރެންގެ ކޮއްކޮއެވެ. ބަލާލަބަލާށެވެ. އޭނާ އަހުގެ ލަގަނުގައި ހިފައިގެން އެހެރީ ކަލޭ ރޮއިގަންނައަޑު އަހާހިތުން އިންތިޒާރުގައެވެ."
ތޫރަޖު އިރުކޮޅެއްވަންދެން އެއްވެސް ބަސްފުޅެއްނެތި ހުންނެވިއެވެ. އޭނާގެ އެންމެފަހުގެ އުއްމީދަކީ ނޯކަރުންކުރެ ކޮންމެވެސް މީހަކަށް حسّان ގެ އަތްޕުޅުގައިވާ ކަނޑިކޮޅު ފެނިގެން ހަޅޭއްލަވަން ފެށުމުގެ އުއްމީދެވެ. ނަމަވެސް އެބައިމީހުން ހަމަޖެހިލައިގެންތިބެ އެކަކު އަނެކަކާ ސިއްރު ވާހަކަ ދައްކަނީއެވެ. ގޭގެ ކައިރީގެ ހުސްތަނަށްވުރެ ގަސްތަކުގެ ތެރެވަނީ މާބޮޑަށް އަނދިރިވެފައެވެ. ކުޅިބަލަން ތިބި މީހުންނަށްވެސް ތަންކޮޅެއް ދުރުގައި ހިނގާކަމެއް ދެނެގަތުން މާފަސޭހައެއް ނޫނެވެ. حسّان ތުރުކުރައްވައިގެން ހުންނެވި އީރާނީ ހެދުންކޮޅުގެ ސަބަބުން އޭނާއަކީ އެއަވަށުގެ ކިބުރުވެރި އަދި އަނިޔާވެރި ބިންވެރިޔާ މަރުގެ އަނގަޔަށް ކޮއްޕައިލަން އުޅޭ މީހެއް ކަމަކަށް އެބައިމީހުންނަކަށް ޝައްކެއްވެސް ނުކުރެވެއެވެ.
ތޫރަޖު އާދޭސްކުރައްވަން ފެއްޓެވިއެވެ. "އަހަރެން ހަޅޭކެއް ނުލަވާނަމެވެ. އަހަރެން ވަޢުދުވަމެވެ. ކަލޭ އަހަރެން ދޫކޮށްލައިފިނަމަ އަހަރެންގެ މީހުން ކަލޭ ފަހައެއް ނުދާނެއެވެ. ކަލެޔަށް ކަލޭގެ ކޮއްކޮވެސް ގެންދެވިދާނެއެވެ. އަހަރެން ޒަރްދަޝްތު ގަންދީ ބުނަމެވެ. އަހަރެން ކަލޭމެންގެ ބިންތައްވެސް އަނބުރާ ދޭނަމެވެ. ކަލޭމެންގެ ސަރަޙައްދުގެ ހުރިހާ ޢަރަބީންގެ ވެރިކަން ކަލެޔަށް ދޭނަމެވެ. އަހަރެންގެ ގޭގައިހުރި ހުރިހާ ރަންރިއްސެއް ކަލެޔަށް ދޭންވެސް އަހަރެން މިހިރީ ތައްޔާރަށެވެ. ކަލެއަށާއި ކަލޭގެ ކޮއްކޮއަށް އަހަރެންގެ އަސްގުދަނުގައިހުރި އެންމެ ރަނގަޅު އަސްތައް ދޭނަމެވެ. ކަލޭމެންގެ ޢާއިލާއަށް ލިބުނު އަނިޔާގެ ޒިންމާ އުފުލާންޖެހޭ މީހަކީ ހުރުމުޒެވެ. އަހަރެންގެ އޮތްހައިވެސް ކުށަކީ އޭނާގެ އަނިޔާ ނުހުއްޓުވުނުކަމެވެ. ކަލޭ އަހަރެންގެ ގާތުގައި ހުންނަން ރުހޭނަމަ އަހަރެންގެ އެންމެ މޮޅުބިންތައް ކަލެޔަށް ދޭނަމެވެ. މިއަވަށުގެ މީހުންނާއި އަހަރެންގެ ނޯކަރުންގެ ކުރިމަތީގައި ކަލޭގެ ދެފައިމައްޗަށް ވެއްޓި އާދޭސްކުރަން އަހަރެން މިހިރީ ތައްޔާރަށެވެ. އަހަންނަށް ފުރުޞަތެއް ދޭށެވެ. އަހަންނަށް މާފުކުރާށެވެ!" ތޫރަޖުގެ އަޑުފުޅު ގިސްލެއްވުމަށް ބަދަލުވާން ފަށައިފިއެވެ.
حسّان ވަރަށްބޮޑަށް ކޯފާ މަތަކުރައްވަމުން ވިދާޅުވިއެވެ. "ކަލޭ ޢަރަބީންގެ އަވަށްތަކަށް ޙަމަލަދެނީ އެމީހުން ނުދަނެ ތިއްބައެވެ. ކަލޭ ނިދައިފައި ތިބޭ މީހުންނަށް ދާންދެން ޤަތުލުކުރަމުއެވެ. ނަމަވެސް އަހަރެން އެހެންނަކުން ނަހަދާނަމެވެ. ނަމަވެސް އަނިޔާވެރި ފިނޑިޔަކަށް މަރުވާނެގޮތް ދަސްކޮށްދިނުމަކީ އަހަރެންގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ."
"عُتُبـة ގެ ދަރިފުޅާއެވެ! އަހަންނަށް ރަޙުމުކުރާށެވެ. އަހަރެންނަށް މާފުކުރާށެވެ. އަހަރެންގެ ހުރިހާ މުދަލެއް ކަލެޔަށް ހިބަކޮށްދޭނަމެވެ. މިއަވަށުން ފައިބައިގެންވެސް ހިނގައިދާނެއެވެ." ތޫރަޖު މިހެން ވިދާޅުވެފައި حسّان ގެ ފައިންޕުޅުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. حسّان ފަހަތަށް ޖެހިވަޑައިގެންފިއެވެ. حسّان ކަނޑިކޮޅު އުފުއްލަވައިލެއްވުމުން ތޫރަޖު ހަޅޭފުޅުލައްވައިގެންނެވިއެވެ. "އަހަރެން ސަލާމަތްކުރާށެވެ. އަހަރެން ސަލާމަތްކުރާށެވެ."
+ + + + +
حسّان ދުވެވަޑައިގެންފައި ވަޑައިގެން سُهيل ގެ އަތްޕުޅުން އަހުގެ ލަގަން ފިރުއްކަވައިގެން ފުންމައިވަޑައިގެން އަސްމައްޗަށް އަރައިވަޑައިގެންފިއެވެ. އަސް ސިހިގެންގޮސް ފުންމައިގަތެވެ. ނަމަވެސް حسّان ވަރަށް ބާރަށް ލަގަނަށް ދަންމަވައި سُهيل ފަހަތްޕުޅުގައި ބެއިންދެވިއެވެ. އަވަށުގެ މީހުން ހަޅޭފަޅޭއްލަވަމުން އެބޭފުޅުންގެ ފަހަތްޕުޅުން ދުއްވައިގަތެވެ. ކޮންމެވެސް މީހަކު ލޮންސިއެއް އެއްލުމުން حسّان އަށް އޭނާގެ ފައިންޕުޅުގެ ފަލަމަސްގަނޑުން ތަދު އިޙްސާސް ކުރެއްވުނެވެ. ނަމަވެސް ޒަޚަމް މާފުނެއްނޫނެވެ. އަސް ދެތިންފަހަރަކަށް ފުންމައިގަންނައިރަށް ލޮންސި ވެއްޓިއްޖެއެވެ. އެއަށްފަހު سُهيل ގެ ބުރަކަށިފުޅަށް ތީރެއް އައިސް ހެރުނެވެ. ދެވަނަ ތީރު حسّان ގެ ކަންފަތްޕުޅު ކައިރިން ވައިކަފައިލައިފައި ހިނގައްޖެއެވެ. އެހައިތަނުން حسّان އަވަށް ބޭރުގައިހުރި ދަގަނޑުތަކުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. حسّان ވަރަށް ބާރަށް ވިދާޅުވިއެވެ. "سُهيل އެވެ. އަހަރެންގެ ގައިގައި ބާރަށް ބައްދައިގެން އިންނާށެވެ. ކޮއްކޮގެ ޙާލު ރަނގަޅުހެއްޔެވެ؟"
(ނުނިމޭ)